ރޫމާނިއާގެ ނައިޓް ކްލަބެއްގައި ރޯވެ 27 މީހުން މަރުވެ ގިނަ ބައަކު ފިހިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން 180 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންދެވުނެވެ. އެއިގެ ތެރެއިން 140 އަށްވުރެ ގިނަ މީހުން ވަނީ އެޑްމިޓްކޮށްފައެވެ.
އެޑްމިޓްކުރި މީހުންގެ ތެރެއިން 88 މީހުންގެ ހާލު ވަރަށް ސީރިއަސްވެފައިވާއިރު ބައެއް މީހުން ފިހިފައިވާވަރުން އެއީ ކާކުކަން ދެނެގަތުމަށްވެސް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އެހެންކަމުން މިހާދިސާގައި މަރުވާނެ މީހުންގެ އަދަދު އަދި ޔަޤީންކުރާކަށް ނުއެނގެއެވެ.
ބުނެވޭގޮތުން ނައިޓް ކްލަބުގައި 400 ވަރަކަށް މީހުން ބައިވެރިވި މިހަފްލާއަކީ ލަވަ ސީޑީއެއް ނެރުމަށް ބޭއްވި މަޖާކުރުމުގެ ހަފްލާއެކެވެ. އަލިފާން ރޯވީ މަޖާކުރުމުގެ ތެރެއިން ކުރިއަށް ގެންދިއަ އަލިފާނުގެ ކުޅިވަރުތަކަކާއި ގުޅިގެންނެވެ.
މިޔުޒިކާއި މަޖާކުރުމުގެތެރެއިން މިއަހަރުވެސް ވަނީ މިހައިތަނަށް މިފަދަ އެތައް ހާދިސާތަކެއް ހިނގައިފައެވެ. ޖަރުމަނުގައި ބޭއްވި ކޮންސަޓެކަށް ހޮނު އެޅުއްވުމަކީވެސް ފާހަގަކޮށްލަންޖެހޭ ހާދިސާއެކެވެ.