މިޞުރުގެ ސިނާޢީ ގެ މަތިން ހޮނިހިރު ދުވަހު ދަތުރުކުރި ރަސިއާގެ ބޯޓު ވައްޓައިލީ ސިނާޢީގައި ތިބި އައިއެސްއަށް ތާއީދުކުރާ ޖަމާއަތަކުން ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
އެކަން އެޖަމާއަތުން ހާމަކުރި ނަމަވެސް ވައްޓައިލީ ކިހިނަކުންކަން ބުނެފައެއް ނުވެއެވެ. ބުނެފައިވަނީ ބޯޓު ވައްޓައިލީ ސީރިއާގައި ރަސިއާ ސިފައިން އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދެމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
މިހާދިސާގައި ވަނީ ބޯޓުން ދަތުރުކުރި 224 މީހުން އެކުގައި މަރުވެފައެވެ. މިމީހުންނަކީ މިސުރުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދަތުރުކުރި ފަތުރުވެރިންނެވެ. ބޯޓުގައި ތިބީ 214 ރަސިއާ ރައްޔިތުންނާއި ޔޫކްރެއިންގެ 3 މީހަކާއި 7 ފަޅުވެރިންނެވެ.
މިސުރުގެ އެވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ބޮއިން އޭ 321 ގެ ބޯޓާއި ގުޅުން ކެނޑުނީ 30،000 ފޫޓު މަތިން ކަމަށާއި ބޯޓަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެއްޖެކަމަށް ޕައިލެޓު ބުނެފައިވާ ކަމަށެވެ.