ޔަހޫދީން ޝަހީދު ކުރި ފަލަސްޠީނު ރައްޔިތުންގެ ހަށިތައް ވަޅުލަން ދިނުމަށް ޔަހޫދީން ދެކޮޅު ހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޔަހޫދީން ޝަހީދު ކުރި ފަލަސްޠީނު ރައްޔިތުންގެ ހަށިތައް ވަޅުލަން ދިނުމަށް ޔަހޫދީން ދެކޮޅު ހަދައިފި
ފާއިތުވި މަހެއްހައި ދުވަސްތެރޭގައި ޔަހޫދީން އެކި ދުވަސްމަތިން ޝަހީދުކުރުމަސްފަހު ޔަހޫދީންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ފަލަސްޠީނު ރައްޔިތުންގެ ހަށިތައް ވަޅުލަން ދިނުމަށް ޔަހޫދީން ދެކޮޅު ހަދައިފިއެވެ.

ޔަހޫދީން ބުނަނީ ހަށިތައް ދޭނީ ޖަނާޒާގެ ކަންކަން މަޑުމައިތިރިކަމާއި، ހަމަިމޭންކަމާއިއެކު ކުރިއަށް ގެންދަން އެއްބަސްވާނަމަ ކަމަށެވެ.

ހައްދުފަހަނައަޅައިފައިވާ ޔަހޫދީން މަސްޖިދުލްއަޤްޞާ ހިސޯރުކުރުމާއި ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގައި އާދީއްތަ ދުވަހު ވެސް ހެބްރޮން ސަރަހައްދުގައި ވަނީ ފަލަސްޠީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްފައެވެ. ޝަހީދު ކުރުމަށްފަހު ޔަހޫދީންގެ އާންމު ބަހަނާ ދައްކައި ބުނެފައިވަނީ ވަޅިއަކުން ހަމަލާދޭން އުޅުނީ ކަމަށެވެ.

ހެބްރޮންގައި ފަލަސްޠީނުގެ ޒުވާނާ ޝަހީދުކުރުމުން އެކަމުގެ ރުޅީގައި ފަލަސްޠީނުގެ މީހަކު ވަނީ ޔަހޫދީ 3 ސިފައިންގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިފައެވެ. ނަމަވެސް އެ 3 މީހުންނަށް މާބޮޑު އަނިޔާއެއް ނުލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ. ޔަހޫދީން ގެންދަނީ ޑްރައިވަރު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް ޔަހޫދީން ވަނީ ފަލަސްޠީނުގެ 66 ރައްޔިތުން ޝަހީދުކޮށްފައެވެ. މީގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މާބަނޑު އަންހެނުންނާއި މުސްކުޅިންވެސް ހިމެނެއެވެ. ނަމަވެސް ގިނައީ ޒުވާނުންނެވެ.

ހައްދުފަހަނައަޅައިފައިވާ ޔަހޫދީންގެ ބާރުގެދަށުން މަސްޖިދުލްއަޤްޞާ މިނިވަން ކުރުމަށް ފަލަސްޠީނުގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ގެންދަނީ ޤްރްބާންވަމުންނެވެ.
މިއަދު އޮންލައިން