ސައުދިއަރަބިޔާގައި ވަގު ފައިސާ ގެންގޫޅޭކަމަށާއި ގޮތް ނުއެނގޭ ފައިސާގެ މުޢާމަލާތުތައް ކުރާ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ބެލުމަށް އެޤައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަން، ނަޒާހާއަށް ޝޫރާ މަޖިލިހުން ހުއްދަ ދީފިއެވެ.
މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ވަގު ޑީލްތައް ހަދާ މީހުންގެ އެފަދަ އަމަލުތައް ހުއްޓުވޭނީ އެމީހުންގެ ކަންކަން ރަނގަޅަށް ބަލަހައްޓައިގެން ކަމަށެވެ. އަދި ޝޫރާ މަޖިލީހުން މީހުންގެ އެކައުންޓުތައް ބަލަންޖެހޭނީ މާލީ އިދާރާތައް މެދުވެރިކޮށްގެން ކަމަށާއި ކުށެއް ސާބިތު ކުރެވެންދެން ބޭންކު އެކައުންޓުތަކުގެ މައުލޫމާތު ނަޒާހާ އިން ސިއްރުކުރަންޖެހޭނެ ކަށެވެ.
ޝޫރާ މަޖިލީީހުގައި ހިމެނޭ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއިބެހޭ މެންބަރުންވެސް ވަނީ މިކަމަށް އެމީހުންގެ ރުހުން ދީފައެވެ.
ނަޒާހަތްތެރިކަމުގެ މުހިންމުކަން ތުއްތު އިރުންސުރެ ދަރިވަރުންނަށް އަންގައިދީ އެކަމަށް ހޭލުންތެރިކުރުވުމަށް މެންބަރުން ވަނީ ތައުލީމީ ވުޒާރާއަށް ގޮވައިލައިފައެވެ.