ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އެޤައުމެއްގައި ﷲ ބާވައިލެއްވެވި އިލާހީ ޤާނޫނު ތަންފީޒުކުރުން ކަމަށް ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އައްޝައިޚް ވިދާޅުވެއްޖެއެވެ.
ޝައިޚް ވިދާޅުވީ ސައުދިއަރަބިޔާއަކީ ﷲގެ އިލާހީ ޤާނޫނު ތަންފީޒުކުރަމުން ގެންދާ ޤައުމެއް ކަމަށާއި އެއީ ސައުދީގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އާއި ކުރިއެރުން ކަަމަށެވެ.
ޝައިޚް ވިދާޅުވީ އެއްމެހައި ނުރަނގަޅު ކަންކަމުން ސަލާމަތްވުން އޮތީ ﷲ އަށް ބިރުވެތިވެ ﷲއެންގެވި ގޮތުގައި ސާބިތުވެ ތިބި ވަރަކުން ކަމަށެވެ. ކީރިތި ރަސޫލާގެ ސުންނަތުގައި ހިފެހެއްޓި ވަރަކުން ކަމަށެވެ. "އެކަންކަން ޙާޞިލުކުރެވޭނީ އިލާހީ ޤާނޫނު ތަންފީޒުކުރެވުނު ވަރަކުން."
ޝައިޚް ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ މީޑިއާތަކުން ދީނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އިސްލާމް ދީން ޤަބޫލުނުކުރާ ޤައުމުތަކުގެ މީޑިއާތަކުން ކަންކަން ކުރާގޮތަށް ނުބަލައި ﷲ އެންގެވި ގޮތުގައި ޒިންމާ އަދާކުރަން އިސްކަން ދިނުމަށްވެސް ޝައިޚް ވަނީ ގޮވައިލައްވައިފައެވެ.
"އިސްލާމް ދީނުގެ މީހުން އެއީ ނޫސްވެރިން ނަމަވެސް ކުރާ ކަންކަން ކުރަންޖެހޭނީ ވަރަށް ޒިންމަދާރު ކަމާއިއެކު. ޔަޤީން ނުވާ މައުލޫމާތު ފަތުރައިގެން ނުވާނެ. ތޯތޯ ވާހަކަތައް ހާމަކޮށްގެން ނުވާނެ. ޤަލަމުގެ ބޭނުން ހިފަންޖެހޭނީ ﷲ އެންގެވިގޮތުގަ."
ޝައިޚް ވިދާޅުވީ ދުނިޔޭގެ އާބާދީގައި އަންހެނުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށްވާއިރު އަންހެނުންނަށް މަތީ ތައުލިމު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ އަންހެނުންނަށް މަތީ ތައުލިމު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވަން ސަލްމާން ރަސްގެފާނު ގެންދަވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް އެދެވޭ އިޖާބައެއް ދިނުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.