ދެކުނު ލެބަނަންގެ ޖޫބާ އިން ފުރި ކާގޯ ފްލައިޓެއް ވެއްޓި ގިނަ ބައަކު މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ ޖުމުލަ އަދަދު ޔަޤީން ނުކުރެވުނު ނަމަވެސް 40 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 18 މީހުންނަކީ ފްލައިޓުގެ ފަޅުވެރިންނެވެ. އިތުރު މީހުންނަކީ އާންމުން ތިބި ސަރަހައްދަކަށް ފްލައިޓު ވެއްޓުމުން މަރުވި މީހުންނެވެ.
ފްލައިޓުގެ ފަޅުވެރިންގެ ގޮތުގައި އިސްކޮށް ތިބީ އެމެރިކާ އާއި ރަޝިއާ މީހުންނެވެ.
ފްލައިޓު ވެށްޓުނު ސީދާ ސަބަބު އަދި ޔަޤީންކުރެވިފައި ނުވި ނަމަވެސް އުފުލަންޖެހޭ އަދަދަށްވުރެ ގިނައިން ފްލައިޓުގައި ކާގޯ ހުރިކަމަށް ބެލެވެއެވެ. އަދި ފްލައިޓުން ފަސިންޖަރުންވެސް އުފުލައިފައިވާ ކަމަށާއި އެއީ ޤަވާއިދާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ރަސްމީ އިދާރާތަކުން ބުނެއެވެ.