ދުނިޔޭގެ މާލީ ހާލަތު ހަމައަކަށް އަޅުވައި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވޭނީ އިސްލާމިކް ފިނޭންސް އިތުރަށް ކުރިއަރުވައިގެން ކަަމަށް އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓިން ލަގާޑޭ ވިދާޅުވެއްޖެއެވެ.
މިމަހުގެ 11 ވަނަ ދުވަހު "އިސްލާމިކް ފިނޭންސް މީޓިންގ ގްލޯބަލް އެސްޕިރޭޝަންސް"ގެނަމުގައި ކުވައިތުގައި ކުރިއަށް ގެންދިއަ އިސްލާމިކް ފިނޭންސް އާއިބެހޭ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ކްރސްޓިން ވިދާޅުވީ އެންމެ ކާމިޔާބުކަމާއިއެކު ކުރިއަރަމުން އަންނަނީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް، އިސްލާމީ އުޞޫލުން ކުރިއަށް ގެންދާ މާލީ ނިޒާމު ކަަމަށެވެ. އަދި މިއީ މުޅި ދުނިޔެވެސް މިހާރު ބަލައިގެންފައިވާ ކަމެއް ކަމަށެވެ.
ކްރިސްޓިން ވިދާޅުވީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ހިންގާ މާލީ ނިޒާމު ކުރިއަަރަމުން އަންނަނީ އެނިޒާމުގެ ފުރިހަމަކަމުން ކަަމަށާއި ރަހުނުކުރުމުގެ ބަދަލުގައި ތަކެއްޗަކީ ސީދާ ބޭންކުތަކުގެ ތަކެތީގެ ގޮތުގައި ހުރުމުން ލިބޭ ޔަޤީންކަން ބޮޑުވުމުން ކަމަށެވެ.
އިސްލާމިކް ބޭންކިންގ އަކީ ފައިދާ އާއި ގެއްލުން ހިއްސާކޮށް ބަހަމުން ގެންދާ ނިޒާމެއްކަމާއި އެއީ އެންމެ ފުރިހަމަ ގޮތް ކަމުގައިވެސް ކްރިސްޓީން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އިސްލާމިކް ބޭންކިންގ ކުރިއަރުވަން ބޭނުންވާ އެހީީތެރިކަން އައިއެމްއެފުން ދެމުންގެންދާނަކަން ވެސް ކްރިސްޓިން ވަނީ ހާމަކުރައްވައިފައެވެ.
މިބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުން ކުވައިތުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު މުޙައްމަދު އަލްހަޝީ ވިދާޅުވީ އިސްލާމިކް ބޭންކިންގގެ އެންމެ ފުރިހަމަކަމަކީ ބޭކާރު ކަންކަމަށް ޚަރަދުނުކޮށް ފައިދާހުރި ކަންކަމަށް ޚަރަދުކުރުން ކަމަށެވެ.
މިބައްދަލުވުމުގެ ބައިވެރިން ވަނީ އިސްލާމިކް ބޭންކިނގ ކުރިއެރުވުމަށްޓަކައި ނިޒާމު ހިންގާ ޤަވާއިދުތަކާއި އުޞޫލުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރައްވައިފައެވެ.