ބިނާކުރަނިވި ކޮންމެ ފާޑުކިޔުމަކަށް މަރްޙަބާ ވިދާޅުވާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ރަސްގެފާނު ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި ބިނާކުރަނިވި ފާޑުކިޔުންތަކަށް ސަރުކާރުގެ ދޮރުތައް ވަނީ ހުޅުވައިލެވިފައި ކަމަށެވެ. ނަމަވެސް ފާޑުކިޔަންވާނީ ހަޤީޤަތާ އެއްގޮތަށް ކަމަށާއި އެއީ ފައިދާހުރި ފާޑުކިޔުމަކަށް ވާންޖެހޭނެ ކަމަށެވެ.
ސަލްމާން ރަސްގެފާނު ފާހަގަކުރެވިފައިވަނީ ކަންކަމާއި ގުޅިގެން އަވަސް ފިޔަވަޅުތައް އަޅުއްވައި ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދެއްވާ ރަސްކަލެއްގެ ގޮތުގައެވެ.
އަންގާރަ ދުވަހު ޖިއްދާއަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްޞީލު ވީހައި އަވަހަކަސް ބޭނުންފުޅުވާކަން ރަސްގެފާނު މިހާރު ވަނީ މައްކާގެ ގަވަރުނަރަށް އަންގަވައިފައެވެ.
މައްކާގެ ގަވަރުނަރު މިހާރުވެސް ވަނީ އެކަންކަމުގެ މައުލޫމާތު ރަސްގެފާނަށް ވިދާޅުވެދެއްވައިފައެވެ. އަދި ގެންދަވަނީ ތަފްސީލު ރިޕޯޓްވީހައި އަވަހަކަށް ފޮނުއްވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ.