ބަންގްލަދޭޝްގެ އިދިކޮޅު ދެލީޑަރުން ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ޞަލާޙުއްދީން ޗައުދްރީ އާއި ޖަމާއަތުއިސްލާމީގެ ސެކެޓްރީ ޖެނެރަލް ޢަލީ އަހްމަސަން މުޙައްމަދު ދަންޖައްސައި މެރުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅު ކުރަމުންނެވެ.
މިދެ ލީޑަރުންވެސް ދައްޖައްސާފައިވަނީ ޑާކާ ސެންޓްރަލް ޖަލުގައި ހޮނިހިރު ދުވަހުގެ ރޭ 12:55 ގައެވެ. ދެ ލީޑަރުންވެސް ދަންޖެއްސީ 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަން ކުރުމަށް ޕާކިސްތާނާއި ކުރި ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި ކަމަށްބުނެ ބަންގްލަދޭޝްގެ ކޯޓުން މެރުމަށް ކުރި ޙުކުމް މަޢާފްކުރުމަށް ނުވަތަ ބަދަލުކުރުމަށް ބަންގްލަދޭޝްގެ ރައީސް މުޙައްމަދު އަބްދުލްހާމިދު ދެކޮޅު ހެއްދެވުމުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ދެ ލީޑަރުން ދަންޖެއްސުމާއި ގުޅިގެން ހޯމަ ދުވަހު މުޅި ޤައުމުގައި ހަޅުތާލުކުރާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ 2 ލީޑަރުިންގެ ޝަރީއަތް ކުރެވުނު ގޮތާއިމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ.
ދެ ލީޑަރުން ދަންޖެއްސުމަށްފަހު ޖަނާޒާ ބޭއްވުމަށް ހަށިތައް ވަނީ އާއިލާ އާއި ހަވާލުކޮށްފައެވެ.
ޖަމާއަތު އިސްލާމީ އިން ބުނެފައިވަނީ މިއީ ސިޔާސީ ގޮތުން ކުރެވުނު ޝަރިއަތެއް ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެފައިވަނީ ޝަރީއަތް ކުރީ މިނިވަން ކޯޓަކުން ކަމަށާއި ހަމައެކަނި ބޭނުންފުޅުވަނީ ކުށްވެރިންނަށް ހައްޤު އަދަބު ދެއްވުމަށް ކަމަށެވެ.
ބަންގްލަދޭޝް 1971 ވަނަ އަހަރު މިނިވަންވުމާއި ހަމައަށް އޮތީ އީސްޓަރން ޕާކިސްތާނުގެ ގޮތުގައެވެ. ބުނެވޭ ގޮތުން ބަންގްލަދޭޝް މިނިވަން ކުރުމަށް ކުރި ހަނގުރާމައިގައި 3 މިލިއަން މީހުން ވަނީ މަރުވެފައެވެ. 200،000 އަންހެނުންގެ އިއްފަތްތެރިކަން ވަނީ ނިގުޅައިގަނެވިފައެވެ.