ދުނިޔޭގެ ކަންކޮޅުތަކުގައި އެއްވެސް ކުށެއް ނެތް އާންމު ރައްޔިތުންނަށް ޓެރަރިސްތް ހަމަލާދީ މެރުން ހުއްޓުވުމަށް ޗައިނާ އިން މަސައްކަތް ކުރާނެ ކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ގުޅުން ބަދަހިކުރައްވާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރައީސް ޒީ ޖިންޕިން މިމޭރުމުން ވިދާޅުވީ މާލީގައި ޓެރަރިސްޓުންގެ ބައަކު ހަތިޔާރާއެކު މާލީގެ ހޮޓަލަކަށް ވަދެގަނެ 170 މީހުން ހިފަހައްޓައި 27 މީހަކު މަރައިލި ހާދިސާ ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަނގުރާމަވެރިން މަރައިލި މީހުންގެ ތެރޭގައި ޗައިނާގެ 3 ރައްޔިތަކު ހިމެނޭކަން ފާހަގަކުރައްވައި ބޭރު ޤައުމުތަކުގައި އުޅޭ ޗައިނާ ރައްޔިތުންގެ ކަންކަން ވީހައި ގާތުން ބަލަމުން ގެންދިއުމަށް ރައީސް ޒީ ޖިންޕިން ވަނީ ޗައިނާގެ ކަމާއިބެހޭ ފަރާތްތަކަށް އަމުރުފުޅުކުރައްވަވައިފައެވެ. މަރުވި ޗައިނާގެ 3 މީހުންނަކީ ޗައިނާ ރޭލްވޭ ކޮންސްޓްރަކްޝަން ކޯޕޮރޭޝަންގެ އިސް 3 އެގްޒެކަޓިވުންނެވެ.
ރައީސް ޒީ ޖިންޕިން ވަނީ މަރުވި 3 މީހުންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ހަނގުރާމަވެރިން ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނޭ 4 މީހަކު ސަލާމަތްކުރެވުނުކަން ޗައިނާގެ ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.