ދުނިޔޭގެ އެކި ޤައުމުތަކުގެ 150 ލީޑަރުންނާއިއެކު ފްރާންސްގެ ވެރިރަށް ޕެރިހުގައި ދުނިޔޭގެ ތިމާވެށީގެ ސަމިޓް ފަށައިފިއެވެ.
ދުނިޔެ ހޫނުވަމުންދާ މިންވަރު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް މި ސަމިޓުގައި ހަރުދަނާ ބަހުސްތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް ސަމިޓުގެ ނަތީޖާ އާއިމެދު ވަނީ މިހާރުވެސް ސުވާލުތައް އުފެދިފައެވެ.
މިމައްސަލަތަކަށް ބަހުސްކުރަން ފެށިތާ 25 އަހަރު ފުރިގެންދާއިރު އަދިވެސް ބޮޑެތި ޤައުމުތަކުން ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސްޖެހިފައެވެ. އަދިވެސް ދަނީ ތަފާތު ބަހަނާތައް ދައްކައި ފަސްޖެހެމުންނެވެ.
ސިނާޢީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މި ބޮޑު މައްސަލައިގައި ތަފާތު ރީތިބަހުރުވައިން ވާހަކަތައް ގިރިޓީ ކުރަމުން ގެންދިއަ ނަމަވެސް އަމަލީ ގޮތުން ކުރަންޖެހޭ ކަންކަން އަބަދުވެސް ބަހައްޓަނީ ފަހުން ކުރާގޮތަށް "ޕެންޑިންގ"ގައެވެ.
އެމެރިކާ އިން ބުނަނީ މިމައްސަލަތަކުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ އެންމެ ގިނައިން ވިހަގޭސް ޖައްވަށް ބޭރުކުރާ ޗައިނާ އާއި އިންޑިއާ އިން ކަމަށެވެ.
ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުން އަންނަ މައްސަލަތައް ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިދިއަ ހަފްތާ ބަންދުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ބައިމިލިއަން މީހުން ވަނީ މުޒާހަރާކޮށްފައެވެ. އެމީހުން ގޮވަމުން ގެންދިއައީ އަހަރެމެންގެ ދަރިންނަށް މުސްތަޤްބަލެއް ނެތް ކަމަށެވެ. އަދި މައްސަލަތަކަށް ޙައްލު ހޯދައި ނުދިނުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ.
މުޒާހަރާތަކުގައި ގޮވައިފައި ވަނީ "އަހަރެމެން ހިޖުރަކުރާނެ ދެވަނަ ޕްލަނެޓެއް ނެތް. އޮތީ ހަމަ މިދުނިޔެ. އަހަރެމެންގެ ދަރިންގެ މުސްތަޤްބަލެއް ނެތް." ކަމަށެވެ.
ބައެއް ޤައުމުތަކުގައި މުޒާހަރާކުރި މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއްވެސް ވަނީ ހިގައިފައެވެ.