އައިއެސްގެ ހަނގުރާމަވެރިންނަށް ދެމުންގެންދާ ވައިގެ ހަމަލަތާކުން މައްސަލަތައް ދާނީ އިތުރަށް ގޯސްވަމުން ކަމަށް މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން މަހާތީރު ވިދާޅުވެފައިވަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންވެސް މެދުއިރުމަތީގެ މައްސަލަތައް ދާނީ އިތުރަށް ގޯސްވަމުން ކަމަށެވެ.
މަހާތީރު ވިދާޅުވެފައިވަނީ މި މައްސަލަތައް އުފެދި ފުޅައުވަމުން މިދަނީ ހުޅަނގުން ގެންގުޅޭ އުޞޫލުތަކުގެ ސަބަބުން ކަމަށާއި މި މައްސަލަތަކަށް ފުރިހަމައަށް އަމާޒުކޮށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ.
މަހާތީރު ވިދާޅުވީ ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަރުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އައިއެސްގެ ހަނގުރާމަވެރިންނަށް ޢާންމު ރައްޔިތުންގެ ހަމްދަރުދީ އާއި ތާއީދު އިތުރުވަމުން އަންނަ ކަމަށެވެ.
މަހާތީރު ވިދާޅުވެފައިވަނީ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ބޮލަށް ބޮންތައް އޮއްސަމުން ގެންދިއަ ނަމަވެސް އެކަމަށް ޢާންމު ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށްވާއިރު މިއީ ވަރަށް ބޮޑެތި މައްސަލަތައް އިތުރުވާނެ ކަމެއް ކަމަށެވެ.
މަހާތީރު ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައިގަނެ އެމީހުންގެ ގެދޮރު ފޭރެމުން ގެންދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މެދުއިރުމަތީގެ ހާލަތު މިހާރު ބަދަލުވަމުން އަންނަ ގޮތުން އިތުރު ހަނގުރާމަތައް ފެށި މިހާރުވެސް ދަނީ އިތުރަށް ފުޅައުވަމުން ކަމަށެވެ.
އިޒްރޭލުގެ ބާރުގަދަވަމުން ދަނީ އެމެރިކާ އާއި ޔޫރަޕުގެ މަދު ލިބިގެން ކަމަށާއި މިކަން ކަމާއި ދެކޮޅަށް ނުނުކުމެ އަރަބިން ނުތިބޭނެ ކަމަށް ވެސް މަހާތީރު ވަނީ ވިދާޅުވެފައެވެ.
މަހާތީރު ވިދާޅުވީ މައްސަލަތައް ޙައްލު ކުރެވޭނީ ހުރިހައި ފަރާތްތަކެއްގެ އަޑު ރަނގަޅަށް އަހައި ޙައްލު ހޯދަން މަސައްކަތްކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ބާރުގަދަ ޤައުމުތަކުން އަމަލުކުރަމުން ގެންދަނީ މުޅިން ތަފާތު އުޞޫލުތަކަށް ކަމަށެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ހުރި މިންވަރު ދުނިޔެއަށް ވެސް ރަނގަޅަށް އެނގޭ ކަމަށާއި އެހެން ނަމަވެސް އެކަމާއިމެދު އެއްވެސް ބައަކު އަލައިނުލައި ދޫކޮށްލަނީ ކަމަށްވެސް މަހާތީރު ވިދާޅުވިއެވެ.