ޙައްޖާއި އުމުރާ ވިސާ ޖެއްސުމަށް އެއްވެސް އަގެއް ނަގާނަމަ ރިޕޯޓް ކުރުމަށް ހައްޖު މިނިސްޓަރު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޙައްޖާއި އުމުރާ ވިސާ ޖެއްސުމަށް އެއްވެސް އަގެއް ނަގާނަމަ  ރިޕޯޓް ކުރުމަށް ހައްޖު މިނިސްޓަރު އެދިވަޑައިގެންފި
ޙައްޖުވުމަށް ނުވަތަ ޢުމުރާ ވުމަށް އެއްވެސް ފަރާތަކުން އެއްވެސް އަގެއް ނަގައިފިނަމަ އެކަން ޙައްޖު މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް ސައުދީ ޙައްޖު މިނިސްޓަރު ބަންދަރު ޙައްޖަރު އެދިވަޑައިގެންފިއެވެ.

ޙައްޖަރު ވިދާޅުވީ ޙައްޖާއި އުމުރާއަށް ދިއުމަށް އެމިނިސްޓްރީންނާއި ސައުދީ އެމްބަސީތަކާއި އަދި ކޮންސިޔުލޭޓްތަކުން ވިސާ ދޫކުރަނީ އެއްވެސް އަގެއް ނެގުމަކާއި ނުލައި މުޅިން ހިލޭ ކަމަށާއި އެކަން އެމިނިސްޓްރީގެ ވެބްސައިޓުގައި އަރަބި ބަހާއި އިނގިރޭސި ބަހުން ޝާއިޢު ކުރައްވަވައިފައިވާނެ ކަމަށެވެ.

ސައުދީ ހައްޖު މިނިސްޓްރީން މިހާރު ވަނީ ދީނީ އިލްމުވެރިންނަށް މައުލޫމާތު ދެއްވާނެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރައްވައިފައެވެ.
ބަންދަރު ޙައްޖަރު ވިދާޅުވެފައިވަނީ އެމިނިސްޓްރީން ބޭރުގައި ޤާއިމުކުރެއްވި މިމަރުކަޒުގެ ބޭނުމަކީ ޢުމުރާ ވުމަށް ގްރޫޕުތަކާއިއެކު ވަޑައިގަންނަވާ ދީނީ އިލްމުވެރިންނަށް ވީހައި ލުއި ފަސޭހަ ގޮތަކަށް ޙައްޖާއި އުމުރާ ވެވޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދެއްވުން ކަމަށެވެ.

"ސައުދީ ރަސްގެފާނު ބޭނުންފުޅެވަވަޑައިގަންނަވާ ޙައްޖާއި އުމުރާ ވުމަށް އަންނަ މީހުންނަށް ވީހައި ލުއި ފަސޭހަކަމާއިއެކު އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވަން. އެހެންވެ އެމައުލޫމާތު ފޯރުކޮށްދޭން މިނިސްޓްރީން ބޭނުންވަނީ."

މިނިސްޓަރު ވިދާޅުވީ ކަނޑުމަގުން ދިއަ ނަމަވެސް އަދި ވައިގެ މަގުން ދިއަނަމަވެސް ޙައްޖާއި އުމުރާވުމަށް ދާ އެންމެންގެ ހުރިހައިކަން، އެމީހަކު ސައުދިއަރަބިޔާއަށް އެތެރެވާ ހިސާބުން ފެށިގެން ވީހައި ފުރިހަމައަކަށް ޙައްޖު މިނިސްޓްރީން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއިގެ ތެރޭގައި އެމީހުންގެ ދަތުރުފަތުރުކުރުންވެސް ހިމެނިގެންދާނެ ކަމަށެވެ. "ޙައްޖު މިނިސްޓްރީން ރާވަމުން މިގެންދަނީ ސައުދީއަރަބިޔާއަށް އެތެރެވުމާއި ހަމައިން އެމީހަކު ފުރަންދެން އެމީހެއްގެ ހުރިހައި ކަންކަން ހައްޖު މިނިސްޓްރީން ބަލަހައްޓަން." ސައުދީ ހައްޖު މިނިސްޓްރީން ހާމަކުރައްވައިފައިވާ ގޮތުގައި މިއަހަރުގެ އުމުރާ މޫސުން ފެށުމާއިއެކު އެއް މަސް ދުވަސްތެރޭގައި 255،000 މީހުން ވަނީ ޢުމުރާ ވުމަށް ވިސާނަގައިފއެވެ.

ޙައްޖާއި އުމުރާއަށް މީހުން ގެންދިއުމުގެ ކަންކަން ކުރުމަށް އެމިނިސްޓްރީން ވަނީ ސައުދީގެ 41 ކުންފުންޏަކަށާއި 180 ޤައުމެއްގެ 3000 ކުންފުންޏަކަށް ހުއްދަދީފައެވެ.

މިނިސްޓަރު ވިދާޅުވީ މިހުރިހައި ކުންފުނިތަކުންވެސް މަސައްކަތްކުރަންޖެހޭނީ އެމިނިސްޓްރީން ކަނޑައަޅައިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.

މިއަދު އޮންލައިން