ޔަމަނުގައި ކުރަމުން ގެންދާ ދާޚިލީ ހަނގުރާމައަށް ހައްލެއް ޙޯދޭނެ ކަމުގެ އެއްވެސް އުންމީދެއް އަދި ފެންނާކަށް ނެތެވެ.
ޑިސެމްބަރު މަހު 12 ވަނަ ދުވަހު ޖެނީވާގައި ކުރިއަށް ގެންދަން އދ އިން މަސައްކަތްކުރާ ޞުލްޙައިގެ ވާހަކަތަކުގައި ދެފަރާތުގެ މަންދޫބުން ބައިވެރިކުރަން އދ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އދ އިން ވަނީ ހޮނިހިރު ދުވަހު ޚާއްޞަ މަންދޫބަކު ޔަމަނަށް ފޮނުވައިފައެވެ. ރައީސް ހާދީ ހުންނެވީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވާނެ ކަމުގެ އެއްވެސް އުންމީދެއް އަދި މިހައިތަނަށް ލިބިފައެއް ނެތެވެ.
ޔަމަނުގައި މިހާރު ވެރިކަން ކުރަނީ ދެ ސަރަހައްދުގައި ދެބައިމީހުންނެވެ. ރައީސް ހާދީ އެޤައުމުގެ ޕޯޓް ސިޓީގައި ވެރިކަން ކުރައްވަމުން ގެންދަވާއިރު ސަނާގައި ވެރިކަން ކުރަނީ ހޫތީންނެވެ.
ހޫތީން ބޭނުންވަނީ ރައީސް ހާދީއަށް ތާއީދުކޮށް ސައުދީން ހޫތީންނަށް ދިން ވައިގެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ކަނޑައެޅުމަށެވެ.
ހޫތީން ވަނީ އާދީއްތަ ދުވަހު އަދަނުގެ ގަވަރުނަރަށް ހަމަލާދީ 6 ބޮޑީގާޑުންނާއިއެކު އަވަހާރަކޮށްލައިފައެވެ. މިހަމަލާގެ ޒިންމާ އުފުލައިފައިވަނީ އައިއެސްއިންނެވެ. އިތުރު ހަމަލާތައް ހާދީގެ ސަރުކާރުގެ ވެރިންނަށް ދެމުން ގެންދާނެ ކަމަށްވެސް އައިއެސްއިން ވަނީ ބުނެފައެވެ.