ސަޢުދިއަރަބިޔާއިން އަބަދުވެސް އިސްކަންދެނީ ޤައުމުތަކުގެ މައްސަލަތައް މަޝްވަރާގެ އުޞޫލުން ހައްލުކުރުމަށް ކަމަށް ޝޫރާ މަޖިލީހުގެ ވައިސް ޗެއަރމަން މުޙައްމަދު ބިން އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ސަލްމާން ރަސްގެފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މައްސަލަތައް ހައްލުކޮށްދެއްވުމަށާއި ޞުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް ކަމަށެވެ.
"ސަލްމާން ރަސްގެފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ދުނިޔެއަށް ހަމަޖެހުން ލިބި އިޤްޠިޞަދީ ކުރިއެރުން ހޯދޭނީ ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރެވިގެން. އެކަމަށްޓަކައި ސަލްމާން ރަސްގެފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ. އެހެން ޤައުމުތަކުގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ސައުދިއަރަބިޔާއަކުން ބޭނުމެއް ނުވޭ."
އެމަނިކުފާނު ވިދާޅުވީ ކިންގް ޢަބްދުﷲ ޑައިލޮގް ސެންޓަރުގެ ބޭނުމަކީ އުފެދޭ މައްސަލަތައް މަޝްވަރާގެތެރެއިން ހައްލުކުރުމަށް މަޝްވަރާކުރުން ކަމަށާއި އެކަމަށްޓަކައި އެ ސެންޓަރުގެ ދޮރުތައް އަބަދުވެސް ވަނީ ހުޅުވައިލެވިފައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޖަމާއަތަކުން ނަމަވެސް އަދި ވަކި ފަރުދަކު ނަމަވެސް ޓެރަރިޒަމްގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން ހުރިހައި މުސްލިމުންވެސް ޤަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި ޓެރަރިޒަމަކީ ދުނިޔެ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވައިފައިވަނީ ސައުދީ ަރަބިޔާއަށް ޒިޔާރަތްކުރި އޮސްޓްރޭލިއާގެ ޕާލަމެންޓުގެ އިސްބޭފުޅުންގެ ޓީމަކާއި ބައްދަލުކުރައްވަވައި ވާހަކަފުޅު ދައްކަވަމުންނެވެ.