ޕެރިހުގައި ހޮނިހިރު ދުވަހު ނިމުނު ކޮޕް 21 ސަމިޓަކީ ވަރަށް ކާމިޔާބު ކަމާއިއެކު ނިންމައިލެވުނު ކޭމްޕެއް ކަމަށާއި ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޒިންމާ ތަފާތުވުމަކީ ސަމިޓުން ލިބުނު ކުރިއެރުމެއް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާ އިން ބުނެފިއެވެ.
އެވުޒާރާގެ ތަރުޖަމާނު މރ. ހޯންގ ވިދާޅުވީ ޗައިނާ އިން އަބަދުވެސް ގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އަޑު އުފުލަމުން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް ޗައިނާއިން ބައިނަލްއަޤްވާމީ މުޖުތަމައުއާއި ގުޅިގެން ތިމާވެށީގެ މައްސަލަތަކުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
މރ. ހޯންގ ވިދާޅުވީ ޕެރިސް އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ދުނިޔޭގެ ޙޫނުމިން 2 ޑިގްރީއަށްވުރެ ދަށުގައި ބަހައްޓަން މަސައްކަތް ކުރުމަށް ކަމަށާއި އަދި އެންމެ ރަނގަޅު މިނަކީ 1.5 ޑިގްރީ ކަމަށް 196 ޤައުމުން އެއްބަސްވެފައިވާ ކަމަށެވެ.
2020 ވަނަ އަހަރުން ފެށިގެން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އަދަދެއް ކަނޑައަޅައި އެކަން ތަންފީޒުކުރުން ލާޒިމުވާނެ ކަންވެސް މރ. ހޯންގ ވަނީ ފާހަގަކުރައްވައިފައެވެ.
ކޮޕް 21 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޒި ޖިންޕިންގ ވަނީ މިސަމިޓަކީ ނަތީޖާ ނެރެން ޖެހޭނެ ސަމިޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުތަކަށް ކަންކަން ކުރެވޭނެކަން ޔަޤީންކުރެވޭ މިންގަނޑުތަކުން ވާހަކަ ދައްކައި މައްސަލަ ޙައްލުކުރަން ހުރިހައި ޤައުމަކުންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ޒީގެ ތަޤްރީރުގައި ވަނީ ވިދާޅުވެފައެވެ.