ފުރިހަމައަށް ނިވާނުވެ އަންހެނުން ކާރު ދުއްވާނަމަ ކާރު ހަފްތާއަކަށް ހިފަހައްޓަން އީރާނުން ނިންމައިފިއެވެ.
އީރާނުން ކަނޑައަޅައިފައި އޮންނަ ގޮތުން އަންހެނުން ކާރު ދުއްވަން ޖެހޭނީ ވެސް މަގުތީގައި އުޅޭއިރު ނިވާކުރަން ޖެހޭ މިންގަޑުތަކަށް ނިވާކޮށްގެންނެވެ. އެއިގެ ތެރޭގައި އެންމެ ކުޑަމިނުން ބުރުގާއިން އިސްތަށިގަނޑު އެކުގައި ނިވާކުރަން ހިމެނެއެވެ.
އީރާނުގެ ޓްރެފިކް ފުލުހުން ބުނެފައިވަނީ މިއަހަރުގެ މާރޗް މަހުން ފެށިގެން މިހައިތަނަށް މިފަދަ 40،000 މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެއީ މާގިނަ އަދަދެއް ކަމަށެވެ.
މިފަދަ މައްސަލަތަކުގައި އީރާނުގައި އޮންނަ އުޞޫލަކީ ނިވައި ނުވެ ދުއްވާ އަންހެނުން ފުލުސް އޮފީހަށް ގެންގޮސް ޖުރުމަނާ ކުރުމާއި ޝަރީއަތަށް ގެންގޮސް އަދަބު ދިނުމެވެ. އަދި ބައެއް ހާލަތްތަކުގައި އިންޒާރު ދިނުމަށްފަހު ދޫކޮށްލައެވެ. ފުލުހުން ބުނަނީ މިވަރުން މައްސަލަ ހައްލުނުކުރެވޭ ކަމަށެވެ.
އީރާނުގައި ކާރު ދުއްވާއިރު ކުއްތާ ގެންދިއުމާއި އަޑު ބާރުކޮށް މިޔުޒިކް ޖެހުމާއި އަދި މަގުމަތީގައި ތިބޭ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނަށް އުނދަނގޫ ކުރުން ފަދަ ކަންކަމަކީ މަނާ ކަންކަމެވެ.