ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބާއްވަނު އުޅުނު ބަރަހަނާ ފޮޓޯ މައުރަޒެއް ފުލުހުން ހުއްޓުވައިފިއެވެ.
އަންހެނުންގެ އެބާވަތުގެ ފޮޓޯ ނެގުމަށް މަޝްހޫރު މެތިލްޑެ ގްރާފްސްޓްރޮމް ބާއްވަން އުޅުނު މައުރަޒު ފުލުހުން ހުއްޓުވާފައިވަނީ މައުރަޒުގައި ދައްކާ ފޮޓޯތަކަކީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ފޮޓޯތަކެއް ކަމަށް ބުނެއެވެ.
ފޮޓޮގްރާފަރު ބުނެފައިވަނީ މައުރަޒުގެ ބޭނުމަކީ އަންހެނުންގެ ކިބައިގައި އެމީހުންގެ ހަށިގަނޑަށް ހުރި އިތުބާރު ދައްކައިދިނުން ކަމަށެވެ. އަދި އެއްވެސް ފޭރާމެއް ނެތި އޭނާ ނަގައިފައިވާ ބަރަހަނާ ފޮޓޯތަކަކީ ކުށްވެރިވާ ވަރުގެ ފޮޓޯތަކެއް ކަމަށް ޤަބޫލުނުކުރާ ކަމަށާއި އެއީ އޭނާ ކުރިއަށް ދިއުމަށް ހުރަސްއެޅުމަށް ފުލުހުން ކުރި ކަމެއް ކަމަށެވެ. "ކަލޭމެން ސްވިމިންގ ޕޫލް ކައިރިއަށް ގޮސް ހެދުން ބަދަލުކުރާއިރު ނުފެންނަ ތަނެއް ފޮޓޯތަކަކުން ނުފެންނާނެ."
ޑެންމާކު ފަދަ ހުރިހައި ކަމެއް ހުއްދަ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާ ޤައުމެއްގައި މިފަދަ މައުރަޒެއް ހުއްޓުވައިފައިވާއިރު މިބާވަތުގެ ފޮޓޯތައް އެންމެ ގިނައިން ޝާއިއުކުރާ ދުނިޔޭގެ އެންމެ މަޝްހޫރު މަޖައްލާއިން ވެސް މިހާރު ވަނީ އަންނަ އަހަރުގެ މާރޗް މަހުން ފެށިގެން އެފަދަ ފޮޓޯތައް މަޖައްލާގައި ނުހިމަނާނެކަން ހާމަކޮށްފައެވެ.
އެމަޖައްލާއިން ބުނެފައިވަނީ އެބާވަތުގެ ފޮޓޯތައް ބަލަން މިހާރު މީހުން ބޭނުންނުވާ ކަމަށާއި މަޖައްލާ ވިކުން ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ. ޚާއްޞަކޮށް އެފަދަ ފޮޓޯތައް ހުންނަ މަޖައްލާތައް ގޭގެއަށް ވައްދަން ބޭނުން ނުވާ ކަމަށެވެ.