ފުރަތަމަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 30ސ
ފުރަތަމަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި
ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ.

ޕޮލިސް ކްލަބު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބު އޯލް ސްޓާއާ ވާދަކޮށް ފޯރިގަދަ ވާދަވެރި ކުޅުމަކަށްފަހު 20 ޕޮއިންޓް 19 ޕޮއިންޓުން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ އަލީ މޫސާ އެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ މޮޅު ކުޅުންތެރިންނަށާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތަށްޓާއި އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ އެވެ.

މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނީ ޕޮލިސް ކުލަބުގެ ހަސަން ފަހީމް އާއި ހުސައިން އަޒްހަމް އަބްދުﷲ އާއި އިސްމާއިލް އަހުމަދު އާއި އިބްރާހިމް ހައިޝަމް އަބްދުﷲ އާއި ކްލަބު އޯލް ސްޓާގެ އަހުމަދު ސައިފް ނައީމާއި، މުހަންމަދު ފިރުނާޝް އަބްދުﷲ އަދި އަހުމަދު ރަޒުނީ އެވެ.

މި މުބާރާތުގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކްލަބު އޯލް ސްޓާގެ ރަޖުނީއެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗް ވެސް ރޭ ކުޅެފައިވެއެވެ.އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބުން ހޯދީ ވާދަވެރި ރޮކްސްޓްރީޓް ސްޕޯޓްސް ވާދަކޮށް 31 ޕޮއިންޓް 27 ޕޮއިންޓުންނެވެ.
މިއަދު އޮންލައިން