އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލި ގޮތަކަށް ހުކުރު ދުވަހު ޕާކިސްތާނަށް ވަޑައިގަތުމުން ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިއްޖެ ކަމަށް ގިނަ ބައަކު ދެކެއެވެ.
އަފްޣާނިސްތާނަށް ވަޑައިގަތުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަންނަވަމުން ޕާކިސްތާނުގެ ލާހޫރުގައި މޯދީ މަޑުކޮށްލެއްވެވުމުން ގިނަބައަކަށް އެކަންވެގެން ދިއައީ ކުއްލި ސިހުމެއް ލިބުނު ކަމަކަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އާއި ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުން ދެގަޑިއެއްހައިއިރު ކުރިއަށް ގެންދެވުމުން ދެ ޤައުމުގެ މެދުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް އަންނާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ނަވާޒް ޝަރީފް އާއި މޯދީގެ ބައްދަލުކުުރެއްވުން ހުކުރު ދުވަހު ކުރިއަށް ގެންދަވާފައިވާއިރު ހުކުރު ދުވަހަކީ ނަވާޒް ޝަރީފްގެ އުފަންދުވަހުއެވެ. އެހެންކަމުން ބައެއް ނޫސްތަކުގައި ސިފަކޮށްފައިވަނީ "ބަރތްޑޭ ޑިޕޮލޮމަސީ"ގެ ގޮތުގައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތައް ބަދަހިވެ ކުރިއަށްދާނަމަ އެކަމުގެ ސަބަބުން ސާކު ސަރަހައްދަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މޯދީގެ ކުއްލި ޒިޔާރަތާއިބެހޭގޮތުން އިދިކޮޅު ކޮންގްރެސް ޕާޓީން ގެންދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް މޯދީއަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ މޯދީ ސާބިތުކޮށްދެއްވެވީ އެންމެ ގާތް އަވަށްޓެރިޔާ އާއިއެކު ސަރަހައްދީ ގުޅުންތައް ބަދަހިކުރައްވަން މޯދީ ބޭނުންފުޅުވާ މިންވަރު ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ދޭތެރެދޭތެރެއިން އެކި ފެންވަރުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު ދެ ޤައުމުގެ އިޤްޠިޞާދަށް ވެސް އެކަމުގެ ސަބަބުން އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އަދި އެކަން ވެފައި އޮންނަނީ ދެ ޤައުމަށް ވެސް އެއްވެސް ފައިދާއެއް ނެތްކަމަކަށެވެ.