"ޖުނާ ފުޓްބޯލް ޗެލެންޖް 2015" ގެ ޗެމްޕިއަންކަން ފޭދޫ ފްރެންޑްސް ކުލަބު ހޯދައިފިއެވެ.
އެޓީމް ޗެންޕިއަންކަން ހޯދީ މިއަދު ހަވީރު އައްޑޫ ފުޓުބޯލް ސްޓޭޑިއަމްގައި ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 7-6 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑުނެގީ އެފްވައިސީގެ ޖަރޒީ ނަންބަރ 24 ޢަލީ ނާފިޢު (ކަޅޭ) އެވެ. އެ ޓީމުން ލީޑުނަގައިފައިވަނިކޮށް މެޗުގެ 15 ވަނަ މިނެޓުގައި ފްރެންޑްސްވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އެއީ އެޓީމުގެ ޖަރޒީ ނަންބަރ 21 އިބްރާހީމް ރިޒްވާން ޖެހި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެފްވައިސީގެ ޖަރޒީ ނަންބަރ ޖޯޖު ޕޭން ވަނީ ލަނޑެއްޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-1 އިން އެފްވައިސީ ކުރީގައި އޮވެގެންނެވެ. ފްރެންޑްސްއިން އެއްވަރު ކުރި ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެލަނޑު ގޯލަށް ވައްދައިލީ ޕެނަލްޓީ ޖެހުމުން ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތުން އަނެއްކާ ގޯލަށް ވައްދައިގެންނެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު އަތީފެވެ.
މެޗު 2-2 އިން އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗަށްފަހު މިއަދުވަނީ ޓީމްތަކާއި ކުޅުންތެރިންނަށް ތައްޓާއި އިނާމް ހަވާލުކޮށްފައެވެ. ޗެންޕިއަން ޓީމަށް ތަށީގެ އިތުރަށް ތިން ލައްކަރުފިޔާ ލިބުނެވެ. ދެވަނަ ޓީމަށް އެއްލައްކާ ރުފިޔާ ލިބުނެވެ.
ތައްޓާއި އިނާމް ހަވާލުކޮށް ދެއްވީ އޮންދިގޯގެ ޖެނެރަލް މެނޭޖަރ އަޙުމަދު ފަޔާޒެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފްރެންޑްސް ކުލަބުގެ މުޙައްމަދު އަރީފެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ މޮޅު ފޯވާޑާއި، އެންމެގިނަ ގޯލް ޖެހި ކުޅުން ތެރިޔާއަށް ހޮވިފައިވަނީ އެފްވައިސީގެ ޖާޒީ ނަނަބްރ 7 އިބްރާހީމް މަހުދީ ހުސައިނެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ފްރެންޑްސް ކުލަބުގެ އަޙުމަދު އަޝްފާގެވެ. އެންމެ މޮޅު ޑިފެންޑަރަކީ ފްރެންޑްސްގެ މުޙައްމަދު އަރީފެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ފްރެންޑްސްގެ އިބްރާހީމް މުޙައްމަދު ދީދީއެވެ. 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްވައިސީގެ ޖާޒީ ނަންބަރ 3 ޖޯޖެވެ. ފެއާޕްލޭ ކުޅުންތެރިއަކީ މައިލޯ ސިޓީ އެފްސީގެ ޢަލީ އިމްރާނެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ރެސްޕެކްޓެވެ.