އިރާނުގެ ވެރިރަށް ޓެހްރާނުގައި ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ސައުދީ އެމްބަސީއަށް ވަދެގަނެ އެތަނަށް ގެއްލުންދީ އަދި ހުޅުޖެހި މައްސަލައިގައި އީރާނުގެ 40 މީހަކު އެޤައުމުގެ ފުލުހުން ޙައްޔަރުކޮށްފިއެވެ.
އީރާނުގައި ގިނަ ބައަކު އެއްވެ މިފަދަ ހަމަނުޖެހުންތަކެއް ހިންގީ ސައުދީގައި ދަންޖައްސައި މަރުގެ އަދަބު ދިން 47 މީހުންގެ ތެރޭގައި ޝިޢީންގެ އިމާމަކު ހިމެނޭތީއެވެ.
ޓެހްރާނުގައި މިފަދަ ހަމަނުޖެހުންތަކެއް ހިންގައިފައި މިވަނީ ވެސް މިފަދަ ކަމެއް ކުރިމަތިވިއަ ނުދިނުމަށް އީރާނުގެ ޚާރިޖިއްޔާއިން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށެވެ. ނަމަވެސް އެއިގެ ކުރިން އިރާނުގެ ޚާރިޖިއްޔާއިން ވަނީ ސައުދީ ސަފީރު ހާޒިރުކޮށް ނިމްރް އަލްނިމްރު އަށް މަރުގެ އަދަބުދިންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.