ބަޙްރައިނުންވެސް އީރާނާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑައިލައި ބަހްރައިންގައި ތިބި އީރާނުގެ ޑިޕޮލޮމެޓުން 48 ގަޑިއިރުތެރޭގައި އެޤައުމުން ފުރުމަށް އަންގައިފިއެވެ.
މިކަން ބަހްރައިންގެ މީޑިއާ އެފެއަރޒް މިނިސްޓަރ ޢީސަ އަލްހަމާދީ ހާމަކުރައްވަވާފައިވީނަމަވެސް މިފަދަ ފިޔަވަޅެއް އެޅުއްވި ވަކި ސަބަބެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
ބަހްރައިނުގެ ތެރޭގައި ޝިޢީން ހިންގާ ހަމަނުޖެހުންތައް ހިންގަނީ އީރާނުން އެކަމަށް ވާގިވެރިވެގެންކަމަށް ބަހްރައިނުން އަބަދުވެސް ތުހުމަތު ކުރެއެވެ.
ސައުދިއަރަބިޔާއިން ވަނީ އާދީއްތަ ދުވަހު އީރާނާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލައި އީރާނުގެ އޮފިޝަލުން 48 ގަޑިއިރުތެރޭގައި ސައުދިއަރަބިޔާއިން ފުރުމަށް އަމުރުކޮށްފައެވެ.
އިރާނުން މިހާރު ބުނަމުން ގެންދަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ސައުދީ އެމްބަސީއަށް ހިމާޔަތް ދޭނެ ކަމަށާއި ސައުދީން އުޅެނީ ފުރުޞަތުގެ ބޭނުން ހިފައި ކަންކަން ހޫނުކުރަން ކަމަށެވެ. ނަމަވެސް ސައުދ ޚާރިޖީ ވަޒީރު ޓެހްރާންގައި ހުންނަ ސައުދީ އެމްބަސީއަށް ވަދެގަނެ ލޫޓުވި މީހުން އެތަނުގެ ލިޔުންތަކާއި ކޮމްޕިޔުޓަރުތައްވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި ސައުދީއެމްބަސީއަށް ގެއްލުން ދެމުން ގެންދިއަ އިރު 3 ފަހަރެއްގެމަތިން އީރާނުގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށައި ނަމަވެސް އެކަމަށް އީރާނުން އަޅައިނުލީ ކަމަށެވެ.
ގަލްފް ކޯޕޮރޭޝަނާއި އެނޫންވެސް ގިނަ ފަރާތްތަކަކުން ގެންދަނީ އެމައްސަލައިގައި އީރާން ކުށްވެރިކުރަމުންނެވެ.
ބަހްރައިނުން ބުނެފައިވަނީ އީރާނާއި ސައުދިއަރަބިޔާ އާއި ދެމެދު ކުރިއަށްދާ އެއްވެސް ކަމަކާއި ގުޅިގެން ބަހްރައިންގައި ތިބި ޝިޢީންގެ އެއްވެސް މީހަކު ނުވަތަ ބައަކު ބަހްރައިންގައި ހުރި ސައުދި އެމްބަސީ އަށް ނުވަތަ ސައުދި ޑިޕޮލޮމެޓަކަށް އެއްވެސް ކަމެއް ކޮށްފިނަމަ ޤާނޫނުގައި ދެވެން އޮންނަ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.