ޖައްމޫ ކަޝްމީރުގެ ޗީފް މިނިސްޓަރ މުފްތީ މުޙައްމަދު ސަޢީދު އަވަހާރަވެއްޖެއެވެ.
އަވަހާރަވީ މިއަދު ހެނދުނު 9:10 ހައިިއިރު އިންޑިއާގެ އެންމެ ކުރިއަރާފައިވާ ޞިއްޙީ ޚިދުމަތްދޭ މުއައްސަސާ، މިމްސްގައި ފަރުވާ ދެމުން ދަނިކޮށެވެ. ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު މުފްތީ މުޙައްމަދު ސަޢީދު އެޑްމިޓް ކުރެވުނީ އެތެރެހަށީގެ ގިނަ އޯގަންތަކެއް ފެއިލްވުމުންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.
މުފްތީ މުޙައްމަދު ސަޢީދު ވަނީ 2002 ވަނަ އަހަރުން ފެށިގެން 2005 ވަނައަހަރަށް ޖައްމޫ އަދި ކަޝްމީރުގެ ޗީފް މިނިސްޓަރުކަން ކުރައްވައިފައެވެ. ދެވަނަ ދައުރަކަށް ޗީފް މިނިސްޓަރުކަން ލިބިވަޑައިގަތީ 1 މާރޗް 2015 ގައެވެ.
މުފްތީ މުޙައްމަދު ސަޢީދު އަކީ 1999 ވަނަ އަހަރު އުފެއްދި ޖައްމޫ ކަޝްމީރު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ ބާނީއެވެ.
މުފްތީ މުޙައްމަދު ސަޢީދު ވަނީ ރަޖީވް ގާނދީގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ވީޕީ ސިންހްގެ ވެރިކަމުގައި ޙޯމް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.
މުފްތީ މުޙައްމަދު ސަޢީދު އަވަހާރަވުމާއި ގުޅިގެން ޕާޓީގެ ޒަޢާމަތާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދަރިކަނބަލުން މަހްބޫބާ ސަޢީދު އެވެ.
މުފްތީ މުޙައްމަދު ސަޢީދު އަވަހާރަވުމާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ މުފްތީ މުޙައްމަދު ސަޢީދަކީ ދިގު މުއްދަތެއްގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި، ރައްޔިތުންގެ އިހްތިރާމާއި ލޯބި ހޯއްދެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ.
މުފްތީ މުޙައްމަދު ސަޢީދު އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ އިސް ގިނަ އަދަދެއްގެ ބޭފުޅުން ގެންދަވަނީ ހިތާމަ ފައުޅު ކުރައްވައި މެސެޖުތައް ފޮނުއްވަމުންނެވެ.