އިންޑިއާގެ ޕަންޖާބްގެ ޕަތަންކޮޓް އެއަރ ބޭސްއަށް ޕާކިސްތާނުގެ ހަނގުރާމަވެރިން މިދިއަ ހޮނިހިހިރު ދުވަހު ވަދެ ގަނެ ދީފައިވާ ގެއްލުންތައް ބޮޑުވަޒީރު ނެރެންދުރަ މޯދީ އަމިއްލަފުޅަށް ބައްލަވައިލައްވައިފިއެވެ.
ބޮޑު ވަޒީރު މިއަދު ވަނީ އެއަރ ބޭސްއަށް އަމިއްލަފުޅަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައިފައެވެ. އަދި އެތަން މަރާމާތު ކުރުމަށާއި އެފަދަ ހަމަލާއެއް ދެން އިތުރަށް ކުރިމަތިވިއަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއިބެހޭ ގޮތުން ބޯޑަރު އިސް އޮފިސަރުންނާއި މަޝްވަރާ ކުރައްވައިފައެވެ.
މޯދީ ވަދައިގެންނެވިއިރު އެސަރަހައްދުގައި ވަނީ ވަރަށް ސެކިޔުރިޓީ ބަލަހައްޓައިފައެވެ.
4 ދުވަހަށް ކުރިއަށް ގެންދިއަ މިހަމަލާތަކުގައި ޓެރަރިސްޓުންގެ 6 މީހުންނާއި އިންޑިއާ ސެކިޔުރިޓީންގެ 7 އޮފިސަރުން ވަނީ މަރުވެފައެވެ.
ޕާކިސްތާނުން ބުނަމުން ގެންދަނީ އެހަމަލާތައް ޓެރަރިސްޓުން ދިނީ ދެ ޤައުމުގެ މެދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްވަރާތަކަށް ހުރަސް އެޅުމަށް ކަމަށެވެ. ނަމަވެސް އެއީ ހަމަ ޓެރަރިސްޓުން ދިން ހަމަލާއެއްކަމާއިމެދު އިންޑިއާގެ ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.