ސީރިޔާގެ މައްސަލަ ޙައްލުކުރުމަށް މި ޖަނަވަރީ މަސްތެރޭގައި ޖެނީވާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޞުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ބަޝާރުލްއަސަދުގެ ސަރުކާރު އޮތީ ތައްޔާރަށްކަމަށް ބުނެފިއެވެ.
ސީރިޔާގެ ރަސްމީ ނިޔުސް އެޖެންސީ ސަނާ އިން ބުނީ ޚާރިޖީ ވަޒީރު ވަލީދު މިކަން ހާމަކުރެއްވީ ސީރިޔާއަށް އދ އިން ފޮނުއްވި މަންދޫބާއިއެކު މަޝްވަރާތައް ކުރެއްވުމަށްފަހުގައި ކަަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވުމަށް ސީރިޔާއިން އެއްބަސްވި ނަމަވެސް މިބައްދަލުވުމުގައި ބައިވެރިވާ ހަނގުރާމަވެރި އިތުރު ޖަމާއަތްތަކުގެ މައުލޫމާތު ކުރިން ދިނުމަށް ސީރިޔާ އިން ވަނީ ބާރުއަޅައިފައެވެ.
އދ އިން ބުނެފައިވަނީ މި ބައްދަލުވުމަކީ ސީރިޔާގައި ކުރިއަށްދާ ހަނގުރާމަތައް ހުއްޓުވައި ސީރިޔާގައި ރައްޔިތުން ޤަބޫލުކުރާ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ މަގު ޗާޓު އެކުލަވައިލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އދގެ މަންދޫބު ވަނީ މި ބައްދަލުވުމަށް ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ މަންދޫބުން ގެންދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ދީފައެވެ.