އީރާނުން ގޮތް ދޫނުކޮށް އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން ވަންނަމުން ގެންދާނަމަ އީރާނާއިމެދު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
ސައުދިއަރަބިޔާގެ ރިޠާޛްގައި އިއްޔެ ބޭއްވި ގަލްފް ކޯޕޮރޭޝަން ކައުސިލް (ޖީސީސީ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަމުން ސައުދީ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވީ އިރާނުގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި ގޮތް ދޫނުކޮށް މިހާރުވެސް އަމަލުކުރަމުން ގެންދާ ގޮތަށް، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގަމުން ގެންދާނަމަ އެކަންކަން ހުއްޓުވުމަށް އަޅަންޖެހުނު ކޮންމު ފިޔަވަޅެއް ސައުދިއަރަބިޔާއިން އަޅާނެ ކަމަށެވެ.
"އީރާނުން ހިންގަނީ ޓެރަރިޒަމް. އެހެން ޤައުމުތަކުގެ ކަންކަމާ ބެހެނީ އެއްވެސް ހަމައަކުން ނޫން. މިކަންކަން ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން."
ޖީސީސީގެ ޤައުމުތަކުން ވަނީ މިކަންކަމުގައި ސައުދިއަރަބިޔާއަށް ފުރިހަމައަށް ތާއީދުކޮށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. މަންދޫބުން ވިދާޅުވެފައިވަނީ ޤައުމުތަކުގައި ހުންނަ އެމްބަސީތައް، އެއީ ކޮންމެ ޤައުމެއްގެ އެމްބަސީއެއް ނަމަވެސް އަންދައި ހެދުމަކީ އެއްވެސް ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އެއީ އެމެރިކާ އެމްބަސީ ނަމަވެސް އަދި އިނގިރޭސި އެމްބަސީ ނަމަވެސް އެތަންތަނުގައި ހުޅުޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން."
ސައުދީ ޚާރިޖީ ވަޒީރު ވަނީ އީރާނުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް އޯއައިސީގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ގޮވައިލައްވައިފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނަށް އޮތީ ދެ ގޮތް ކަމަށެވެ. އެއީ ރަނގަޅު އަވަށްޓެރި ޤައުމެއްގެ ގޮތުގައި ކުރިއަށް ދިއުމާއި ހަސަދަވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. "މިތަނުން ކޮންމެވެސް އެއްގޮތެއް އީރާނަށް ޖެހޭނީ އިޚްތިޔާރުކުރަން." ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.