އެމްސީޔޫ ވިމެންސް ކަޕްގެ ޗެންޕިއަންކަން ފޭދޫ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްސީޔޫ ވިމެންސް ކަޕްގެ ޗެންޕިއަންކަން ފޭދޫ ހޯދައިފި
މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ފޭދޫ ފުޓުސަލް ދަނޑުގައި އިއްޔެ ބޭއްވި “އެމްސީޔޫ ވިމެންސް ވަންޑޭ ކަޕް 2016” ފުޓުސަލް މުބާރާތުގެ ޗެންޕިއަންކަން ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) ހޯދައިފިއެވެ.

ވެހެމުންދިޔަ ވާރޭގެ ތެރޭގައި ފައިނަލުގައި މީދޫ ދޮންދީނި ޓީމާ ދެކޮޅަށް ކުޅެ ފޭދޫ މެޗު ކާމިޔާބު ކުރީ 6-0 އިން ނެވެ. އެޓީމް ޗެންޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރ އަޕް ޓީމަށާއި އެހެނިގެން ވަނަތަކަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމް ދީދީ (އައިބީ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދޫ ޓީމުގެ ފާތިމަތު އަލްމާ އަލީ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭނާއެވެ. ފައިނަލް މެޗުގެ ކްއީން އަކަށް ހޮވުނީ އޭނާއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މީދޫ މުލަމަތި އެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްވެސް ރޭ ވަނީ އިނާމް ދީފައެވެ.
މިއަދު އޮންލައިން