ޕާކިސްތާނުގައި ޕޯލިއޯ ވެކްސިންދޭ މަރުކަޒެއް ކުރިމަތީގައި ޖާނުން ފިދާވެގެން ބޮމެއް ގޮއްވާލުމުގެ ސަބަބުން 14 މީހުން ަމަރުވެ 20 މީހުން ޒަޚަމްވެއްޖެއެވެ.
ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ތަޙްރީކް ޠާލިބާން، ޕާކިސްތާނުން ވަނީ ހަމަލާގެ ޒިންމާ ނަގައިފައެވެ.
މިހަމަލާ މިއަދު ދީފައިވާއިރު އުމުރުން 5 އަހަރު ނުފުރޭ ބަލްޗިސްތާނުގެ ކުދިބައަކަށް ވެކްސިން ދެމުން ގެންދަނިކޮށް ޙޯމަ ދުވަހުވެސް ވަނީ ހަމަލާދީފައެވެ.
ޕޯލިއޯ ވެކްސިން ދިނުމަށް ކުރިއަށް ގެންދިއަ ޚާއްޞަ ޕްރޮގްރާމްގެ ފަހު ދުވަހަކީ މިއަދުކަމަށްވާތީ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ސިފައިންވެސް ސަރަހައްދުގައި ތިބެގެންނެވެ.
ޕޯލިއޯ ނައްތައިލުމަށް ޑަބްލިޔޫއެޗްއޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޕާކިސްތާނާއި އަފްޣާނިސްތާނުގައި އެއްބާރުލުން ނުލިބޭތީ ޕްރޮގްރާމް ކުރިއަށް ގެންދަން ދަނީ ހުރަސްތައް އެޅެމުންނެވެ. އެހެންކަމުން އެ ދަ ޤައުމު ފާހަގަކުރެވެނީ ޕޯލިއޯގެ ނުރައްކާ ބޮޑު ދެ ޤައުމުގެ ގޮތުގައެވެ.
ހަރުކަށި ދީނީ ޖަމާއަތްތަކުން ޕޮލިއޯ ވެކްސިން ދިނުމަށް ހުރަސް އަޅަނީ އެ ވެކްސިންގައި އޫރުގެ ބާވަތެއް ހުންނަ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯ އިން ވަނީ އެފަދަ ބާވަތެއް ވެކްސިންގައި ނުހުންނާނެކަމަށް ބުނެފެއެވެ.
2014 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި ވަނީ ޕޯލިއޯގެ 300 ކޭސް އަލަށް ރަޖިސްޓްރީކޮށްފައެެވެ. މިއީ 1999 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ ކޭސް ރަޖިސްޓްރީ ކުރެވުނު އަހަރެވެ.