2010 ވަނަ އަހަރު ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް ތަކެތި ހިފައިގެންދިއަ ބޯޓަށް އިޒްރޭލު ސިފައިން ހަމަލާދީ 10 މީހުން މަރާލައި ބޯޓު ފޭރިގެންފައިވާ މައްސަލައިގައި ބަދަލު ޙޯދަން އެކަމުގައި ބައިވެރިވި 4 މީހަކު އެމެރިކާފގެ ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
އެމެރިކާގެ 3 ވަކީލުންނާއި ބެލްޖިއަމްގެ ވަކީލަކު ހިމެނޭ އެމީހުންގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ ބޯޓު ދަތުރުކުރީ ޤަވާއިދުން ކަމަށާއި ބޯޓު ދަތުރުކުރީ އެމެރިކާގެ ދިދަ ނަގައިގެން ކަމަށެވެ. އެހެންކަމަށްވާއިރު އެމެރިކާގެ ދިދަ ނަގައިގެން ދަތުރުކުރި ބޯޓަކަށް ހަމަލާދީ މީހުން މަރައި ގެއްލުން ދިނުމުން އެކަމުގެ ދައުވާ އެމެރިކާގެ ކޯޓުގައި އުފުލެންޖެހޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
އިޒްރޭލުގެ ނޭވީން ދިން ހަމަލާތަކުގައި ތުރުކީގެ 9 މީހުން ވަނީ ވަގުތުން މަރުވެފައެވެ. 10 ވަނަ މީހާ މަރުވީ ލިބުނު ޒަކަމްތަކަށް ފަރުވާކުރަމުންދަނިކޮށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު މިކަމާއި ގުޅިގެން 2013 ވަނަ އަހަރު ތުރުކީގެ ކިބައިން މައާފަށް އެދިފައިވުމުން މި ދައުވާގައި ބަހަނާ ދައްކައިގެން މިންޖުވުމުގެ ފުރުޞަތު އިޒްރޭލަށް ވަރަށް ކުޑައެވެ. ބެންޖަމިން ނަތަޔާންހޫ ވިދާޅުވެފައިވަނީ މީހުންމަރުވާގޮތަށް ހަމަލާދެވުނީ އެރި އޮޅުމަކުން ކަމަށެވެ.
ޣާޒާއަށް އަދިވެސް ވަދެވެނީ އިޒްރޭލު ސަރުކާރުން ހުއްދަދޭ އުޅަނދުފަހަރަށާއި މީހުންނަށެވެ.