ސަލްމާން ރަސްގެފާނުގެ ރަސްކަމަށް 1 އަހަރު ފުރުން ރައްޔިތުން ކުލަގަދަކޮށްް ފާހަގަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަލްމާން ރަސްގެފާނުގެ ރަސްކަމަށް 1 އަހަރު ފުރުން ރައްޔިތުން ކުލަގަދަކޮށްް ފާހަގަކޮށްފި
ސައުދިއަރަބިޔާގެ ރަސްފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ރަސްކަމަށް 1 އަހަރު ފުރުން އެޤައުމުގެ ރައްޔިތުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ސައުދީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ޤަބޫލުކުރާ ގޮތުގައި ސަލްމާން ރަސްގެފާނު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވައިފައެވެ.

ޤައުމުގެ ގިނަ ބައަކު ޤަބޫލުކުރާގޮތުގައި އެއް އަހަރު ދުވަސް ތެރޭގައި ސަލްމާން ރަސްގެފާނު ވަނީ ޤައުމުގެ އިޤްޠިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވައިފައެވެ. އަދި ސަރަހައްދުގައި އަމަންއަމާންކަން ޤާއިމުކޮށް ޓެރަރިޒަމް ނައްތައިލުމަށް ސައުދީން މިހާރު އަދާކުރަމުން ގެންދަނީ ވަރަށް މުހިންމު ދައުރެއްކަމަށްވެސް ގިނަ ބައަކު ޤަބޫލުކުރެއެވެ.

މިކަންކަމުގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި މިނިވަން މުއައްސާސާތައް ހިންގުމަށް ސަލްމާން ރަސްގެފާނު ވަނީ ޒަމާނީ ބަދަލުތައް ގެންނަވައި ވަރަށް ބޮޑެތި ކުރިއެރުންތައް ޙޯއްދަވައި ދެއްވައިފައެވެ.

ކުރިއަރައި ތަރައްޤީވެފައިވާ ސިޓީތައް ފަދައިން މިހައިތަނަށް ކުރި ނުއަރައި ހުރި ސިޓީތައް ކުރިއަރުއްވާނެ ކަމަށް ސަލްމާން ރަސްގެފާނުވެވަޑައިގެންފައިވާ ވައުދަކީވެސް ގިނަ ބައަކު ވަރަށް ބޮޑަށް ބަލައިގެންފައިވާ ވައުދެކެވެ.

އެހެން ޤައުމުތަކާއިއެކު، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާއިއެކު ސައުދިއަރަބިޔާއިން ބާއްވާ ގުޅުން ފާއިިތުވި 1 އަހަރު ދުވަސްތެރޭގައި އެތައް ގުނައެއް އިތުރަށް ބަދަހިވެފައިވާކަން ވެސް ރައްޔިތުން ފާހަގަކުރެއެވެ.

ސަލްމާން ރަސްގެފާނު ސައުދިއަރަބިޔާގެ ރަސްކަމާއި ހަވާލުވެވަޑައިގަތީ 2 ރަބީއުލްޢާޚިރު 1436 ގައެވެ. 23 ޖަނަވަރީ 2015 ގައެވެ.

ސައުދިއަރަބިޔާ އާއިއެކު ރާއްޖެއިން އޮންނަ ގުޅުމަށް ބެލި ނަމަވެސް ފާއިތުވި 1 އަހަރު ދުވަހުގެތެރޭގައި ގުޅުން ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ރާއްޖެއަށް ސައުދިއަރަބިޔާގެ އެހީތެރިކަން ލިބުން ވެސް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
މިއަދު އޮންލައިން