ދުނިޔޭގެ ނިޞްބަތުން އެންމެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ އިންޑޮނޭސިއާގެ ވެރިރަށް ޖަކާޓާގައި މިއަދު ދިން ޓެރަރިސްތް ހަމަލާތަކުގެ ޒިންމާ އައިއެސް އިން އުފުލައިފިއެވެ.
އިންޑޮނޭސިއާގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ މިފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އައިއެސް އިން ވަނީ ކުރިން ދީފައި ކަމަށާއި އެކަމަށް ފިޔަވަޅުތަކެއްވެސް އެޅި ކަމަށެވެ. އަދި ޓެރަރިސްޓުންނަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނީ މިފަދަ ކަމަކަށް ހުޝިޔާރުވެ އެކި ސަރަހައްދުތަކުގައި ތިބި ސްނިޕަރ ބަޑިޖަހާ މީހުންގެ ހުޝިޔާރުކަމުން ކަމަށެވެ.
ފުލުހުންގެ ވެރިޔާ ވިދާޅުވީ މިހަމަލާތައް ރާވައި ހިންގީ އައިއެސްއާއި ގުޅި ސީރިޔާގައި ހަރަކާތްތެރިވަމުންދާ ބަހްރުން ނައިމޫގެ ރޭވުމުގެ މަތިން ކަމަށެވެ.
ޖަކާޓާގައި މިއަދު ދިން ހަމަލާތައް ދީފައިވަނީ ޖަކާޓާގެ މައި ބާޒާރާއި 50 މީޓަރު ކައިރިންނެވެ. ފުލުހުންގެ ވެރިޔާ ވިދާޅުވީ ޓެރަރިސްޓުންނަށް ބާޒާރަށް ވަނުމުގެ ފުރުޞަތު ނުލިބުމުން އެމީހުންނަށް ދެވުނު ހިސާބުގައި ތިބެގެން ހަމަލާތައް ދިނީ ކަމަށެވެ.
އެ ސަރަހައްދުގައި ބަޑީގެ ހަމަލާގެ އިތުރުން 6 އަތުބޮން ވަނީ ގޮއްވައިލައިފައެވެ. އަދި މިހައިތަނަށް ލިބިފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި މަރުވެފައިވަނީ 7 މީހުންނެވެ.
ހަމަލާތަކާއި ގުޅިގެން އިންޑޮނޭސިއާގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތައް ހުއްޓުވުމަށް އިންޑޮނޭސިއާގެ ފުލުހުން ރައްދުގައި ދިން ހަމަލާތަކާއި އަމަލު ކުރި "ޕްރޮފެޝަނަލް" ގޮތަށް މީޑިއާތަކުން ގެންދަނީ ތައުރީފް ކުރަމުންނެވެ.