ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 25 ޑޮލަރަށް ދަށަށް ހިނގައްޖެއެވެ.
ބުރާސްފަތި ދުވަހު އޯޕެކްގެ ޤައުމުތަކުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހުރީ 25 ޑޮލަރުގައެވެ. ނިޔުޔޯކުގައި ހުކުރު ދުވަހު ތެޔޮ ފީފާއެއްގެ އަގު ހުރީ 29.46 ޑޮލަރުގައެވެ.
ރިޕޯޓްތައް ބުނާގޮތުން މިހައި ބޮޑަށް ތެލުގެ އަގު ދަށަށް ދިއައީ އީރާނުން ތެޔޮ އުފައްދާ އަދަދު އިތުރުކުރުމުންނެވެ. އީރާނުން ބުނެފައިވަނީ ދުނިޔެއަށް ބޭނުންވާ ވަރަށް ތެޔޮ ސަޕްލައިކުރަން މިއަހަރު މަސައްކަތްކުރާނެ ކަމަށެވެ.
ތެލުގެ އަގު މިހައި ބޮޑަށް ދަށަށް ދިއުމުން މެދުއިރުމަތީގެ ޤައުމުތަކުގެ ބަޖެޓަށް ދަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރަމުންނެވެ. އެހެންކަމުން މިއަހަރު ދުނިޔޭގެ އިޤްޠިޞާދަށް ކުރާނެ ނޭދެވޭ އަސަރާއިމެދު އިޤްޠިޞާދީ މާހިރުން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
18 މަސް ދުވަހުގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގުން 80 ޑޮލަރު ހެޔޮވުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސައުދިއަރަބިޔާއަށާއި ޔޫއޭއީ އަށެވެ.
މިއަހަރުގެ މެދެއްހައި ތަނަށް ތެލުގެ އަގު ދަށުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭއިރު އަހަރުގެ ފަހު 6 މަސް ދުވަސްތެރޭގައި އަގު އުފުލޭނެ ކަމަށް ވަނީ ބެލެވިފައެވެ.