ފްރާންސްގެ ވެރިރަށް ޕެރިހުގެ އުތުރުގައި ދިރިއުޅޭ ސީރިޔާގެ ރިފިޔުޖީއަކަށް 1 މިލިއަން ޔޫރޯގެ ނަސީބު ޓިކެޓެއް ކާމިޔާބު ކުރެވިއްޖެއެވެ. މިޓިކެޓް އޭނާއަށް ކާމިޔާބު ކުރެވުނީ މަގުމަތީގައި ވިއްކި ލޮޓަރީ ޓިކެޓެއް 10 ޔޫރޯއަށް ގަނެ ޓިކެޓު ކަހައިލުމުންނެވެ.
އުމުރުން 30 އަހަރުގެ މި ރިފިޔުޖީއަކީ ސިރިޔާގައި ވިޔަފަރިކޮށް އުޅުނު މީހެކެވެ. ނަމަވެސް ޤައުމުގައި ދިރިއުޅެވެން ނެތުމުން ގެދޮރާއި މުދާ ދޫކޮށް 2011 ވަނަ އަހަރު ފްރާންސުން ރިފިޔުޖީ ސްޓޭޓަސް ހޯދުމަށްފަހު އާމްދަނީ ހޯދަނީ ތަފާތު މަސައްކަތްތައް މީހުންނަށް ކޮށްދީގެންނެވެ.
އޭނާއަށް މިފައިސާ ވަނީ މިދިއަ އަހަރުގެ ޖޫންމަހު ލިބިފައެވެ. ނަމަވެސް އެކަން ހާމަވީ ދާދިފަހުން ފަރަންށޭސި ޤައުމީ ލޮޓަރީން މިކަން ފްރާންސްގެ ނޫހަކަށް ހާމަކުރުމުންނެވެ.
އޭނާ މިހާރު ވަނީ މިފައިސާ އިން ފްލެޓެއް ގަނެފައެވެ. އަދި އުންމީދުކުރަނީ ސީރިޔާގައި ތިބި ޢާއިލީ މީހުން ފްރާންސަށް ގެނައުމަށާއި ރެސްޓޯރަންޓެއް ހިންގުމަށެވެ.