މުޅި ދުނިޔޭގެ އާބާދީގެ މުއްސަނދިކަމުގެ ދެބައިކުޅަ އެއްބައި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި 62 މީހެއްގެ އަތުގައެވެ.
ޗެރިޓީ އޮކްސްފާމުން ޢާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ 2010 ވަނަ އަހަރުން ފެށިގެން "ސްޕަރ ރިޗް" މީހުންގެ މުއްސަނދިކަން 44 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. "އެމީހުންގެ އަތުގައި މިހާރު އެބަހުރި 1.76 ޓިރިލިއަން ޑޮލަރުގެ މުއްސަނދިކަން. މިއީ ދުނިޔޭގައި ތިބި 3.5 ބިލިއަން ފަޤީރުންގެ އަތުގައި ހުރި މިންވަރު."
އޮކްސްފާމް އޮސްޓްރޭލިއާގެ ޗީފް އެގްޒެކަޓިވް ހެލެން ސްޒޯކެ ބުނެފައިވަނީ ސަރުކާރުތަކަށް ލިބޭ އާމްދަނީ ބެހިގެންދަނީ ރަނގަޅު ގޮތުގައިކަން ބެލޭނެ ނިޒާމެއް އަދި ނެތް ކަމަށެވެ.
އޮކްސްފާމުން ފާހަގަކުރާ ގޮތުގައި ފަޤީރުންގެ ފަޤީރުކަން އިތުރުވަމުން އަންނަ މައިގަނޑު ސަބަބަކީ ޓެކްސް ނިޒާމެވެ. އަދި މުއްސަނދިން ދައްކަން ޖެހޭ ޓެކްސް ސަރުކާރުތަކަށް ހަމައަށް ލިބޭކަމާއިމެދު އޮކްސްފާމުން ސުވާލު އުފައްދައެވެ. އަދި ހުރިހައި ޤައުމުތަކުގައިވެސް ޓެކްސް ނެގުމުގެ ނިޒާމު އިޞްލާޙުކުރަންޖެހިފައިވާކަން އޮކްސްފާމުން ފާހަގަކުރެއެވެ.
ރާއްޖެއަށް ބެލި ނަމަވެސް މިއީ އުފެދިފައިވާ ބޮޑު މައްސަލައެކެވެ. މުއްސަނދިން އެމީހުންގެ ބޭނުންތަކަށް ރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިޔުޓީއެއް ނުނެގޭއިރު ފަޤީރުންގެ އަސާސީ ބޭނުންތަކަށް ގަންނަންޖެހޭ ތަކެތި ލިބެނީ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުންނެވެ.
ރާއްޖޭގެ ޓެކްސް ނިޒާމަށް އެކަށީގެންވާ އިޞްލާޙެއް ގެންނަންޖެހޭކަން ގިނަ ބައަކު ފާހަގަކުރަމުންގެންދާއިރު މިފަދަ ކަންކަމަށް ލިބޭ އިޖާބައާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ރާއްޖޭގައި ތިބި މުއްސަނދިންނާއި ފަޤީރުންގެ ތަފާތު ކުޑަކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކުރިއަސް ގެންދާ ކަންކަމުގެ ތެރޭގައި ރަހުނަކާއި ނުލައި މަސައްކަތް ކުރުމަށް ލޯނު ދޫކުރުން ފަދަ ބައެއްކަންކަން މިސަރުކާރުން ކުރިއަށްގެންދަން ފަށައިފައިވާކަން ފާހަގަކުރެވެއެވެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ޒުވާނުންނަށް، މުއްސަނދިވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށާއި އެފުރުޞަތުތަކުގެ ބޭނުން ހިފައި މުއްސަނދިވުމަށް މަސައްކަތްކުރުމަށް އެދިވަދައިގަންނަވާ ކަމަށެވެ.