ރިފިޔުޖީންގެ ބޭނުންތައް ފުއްދައި ނުދެވުމުން ބަދަލުވަނީ ޓެރަރިސްޓުންނަށް: އުރުދުންގެ ރާނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
 ރިފިޔުޖީންގެ ބޭނުންތައް ފުއްދައި ނުދެވުމުން ބަދަލުވަނީ ޓެރަރިސްޓުންނަށް: އުރުދުންގެ ރާނީ
ރިފުޔުޖީންގެ ބޭނުންތައް ފުއްދައި ނުދެވުމުން ރިފިޔުޖީންގެ ތެރެއިން ބައަކު ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅި ޓެރަރިސްޓުންނަށް ބަދަލުވަމުންދާ ކަމަށް އުރުދުންގެ ރާނީ ރާނިއާ ވިދާޅުވެއްޖެއެވެ.

އުރުދުންގެ ޑާވޯސްގައި ކުރިއަށް ގެންދިއަ އިޤްޠިޞާދީ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރާނިއާ ވިދާޅުވީ ރިފިޔުޖީންނަކީވެސް އަމިއްލަ ބޭނުންތަކެއް ހުންނާނެ ބައެއް ކަމަށެވެ. އަދި އަސާސީ ބޭނުން ތަކެއްވެސް ފުއްދަންޖެހޭނެ ބައެއް ކަމަށެވެ. "އެހެންވީމާ އެންެމެ ކުޑަމިނުން އެމީހުންނަށް އަމިއްލައަށް ދިރިއުޅެލެވޭނެވަރުކޮށްދޭން އެބަޖެހޭ، އެކަން ކޮށް ނުދެވުނީމާ އެމީހުން ގުޅެނީ ޓެރަރިސްޓް ޖަމާއަތްތަކާ. އެކަންކަން ފުރިހަމަކޮށް ނުދެވުމަކީ އެމީހުންގެ ބޮލަށް ޓެރަރިސްޓް ޖަމާއަތްތަކުން ސަވާރުވާން ލިބޭ އެންމެ ބޮޑު ފުރުޞަތަށް ވެގެންމިދަނީ."

ރާނިއާ ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ރިފިޔުޖީން ތިިބީ މިހާރު ކަމަށާއި އެމީހުންނާއި އަޅައިލެވޭނެ ގޮތްތައް ހޯދަންޖެހިފައިވާ ކަމަށެވެ.

ރާނިއާ ވިދާޅުވީ މިހާރުގެ ހާލަތައް ބަލާނަމަ ޤައުމުން ބޭރުވާ މީހުންނަށް 17 އަަހަރު ދުވަސް އެވްރެޖްގޮތެއްގައި ރިފިޔުޖީންގެ ގޮތުގައި ހޭދަކުރަންޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި އެމީހުން ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ.

ރާނިއާ ވިދާޅުވީ އުރުދުންގައި ރިފިޔުޖީންގެ ގޮތުގައި 1.3 މިލިއަން މީހުން އެބަތިބި ކަމަށާއި އދ އާއި އެހެނިހެން ޖަމާއަތްތަކުން އެހީގެ ގޮތުގައި ލިބެނީ އެމީހުންނަށް ކުރަންޖެހޭ ޚަރަދުގެ އެންމެ 36 އިންސައްތަ ކަމަށެވެ. އެހެންކަމުން އިތުރަށް ބޭނުންވާ 64 އިންސައްތަ ފައިސާ ހޯދަންޖެހެނީ ދަރަނީގެ ގޮތުގައި ކަމަށެވެ.

ރާނިއާ ވިދާޅުވީ މި ބޮޑު މައްސަލައަށް ހައްލެއް ޙޯއްދެވުމުގެ ގޮތުން އުރުދުންގައި ޚާއްޞަ އިޤްޠިޞާދީ ސަރަހައްދުތަކެއް ކަނޑައަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެސަރަހައްދުތަކުގައި މަސައްކަތްކޮށްގެން ރިފިޔުޖީންނަށް ޢާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
މިއަދު އޮންލައިން