އީރާނަކީ މެދުއިރުމަތީގެ ކަތުރުފަނީގެ ގޮތުގައި އޯއައިސީގެ މެންބަރު ބައެއް ޤައުމުތަކުން ސިފަކޮށްފިއެވެ.
ބުރާސްފަތި ދުވަހު ސައުދިއަރަބިޔާގައި ކުރިއަށް ގެންދިއަ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައެއް ޤައުމުތަކުން ބުނީ އީރާނުން ގެންދަނީ ސައުދިއަރަބިޔާ އާއި ޔަމަން، އަދި ސީރިޔާ އާއި ބަހްރައިން ފަދަ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެނެ އެޤައުމުތަކުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަމުން ކަމަށެވެ.
އިއްޔެގެ ބައްދަލުވުން ނިންމައިލުމަށްފަހު ޢާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިިވަނީ އީރާނުގައި ސައުދި އަރަބިޔާގެ އެމްބަސީއަށާއި ކައުންސިލޭޓް އޮފީހަށް ދިން ގެއްލުންތައް ދީފައިވަނީ އދގެ ޗާޓަރުގެ އިތުރުން އޯއައިސީގެ ޗާޓަރުތަކާއިވެސް ޚިލާފަށް ކަމަށެވެ. "އޯއައިސީގެ އެންމެ ބޮޑު ބޭނުމަކީވެސް މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި އެހީތެރިވުން. ޤައުމުތަކުގެ ހައްޤުތައް ހިމާޔަތްކުރުން. ދާޚިލީ ކަންކަމުގެތެރެއަށް ނުވަނުން. މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރުން." ކަމަށާއި އެކަންކަމަށް އީރާނުން އިހްތިރާމް ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައުދި އަރަބިޔާގައި ޓެރަރިސްޓުންނާއިމެދު އަމަލުކުރަމުންގެންދާ ގޮތާއި އީރާނުންބެހޭތީ އެކަން ވެސް ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ. ބަޔާނުގައި ބުނެފައިވަނީ ސައުދީ ޖޫޑިޝަރީއަކީ ފުރިހަމަ ޖޫޑިޝަރީއެއް ކަމަށާއި ޖޫޑިޝަރީގެ ނިންމުންތައް ތަންފީޒުކުރުމަކީ އެހެން ޤައުމުތަކުން ބެހިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ގިނަ ޤައުމުތަކުން އީރާނާ ދެކޮޅަށް ވާހަކަ ދައްކައި ކަންބޮޑުވުން ފައުޅުކުރުމުން އޯއައިސީގެ ސެކެޓްރީ ޖެނެރަލް ޢިޔާދު މަދާނީވެސް ވަނީ އީރާނުގެ އަމަލުތަކާއި އީރާނުގެ އުޞޫލުތައް ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
މިބައްދަލުވުމުގައި އީރާނުން ބައިވެރިވެވަޑައިގަތީ ޑިޕިޔުޓީ ފޮރިން މިނިސްޓަރ ޢައްބާސް ވިދާޅުވީ އެއްވެސް ބައަކާއި ކުރިމަތިލަން އީރާނުން ބޭނުން ނުވާ ކަމަށާއި އެއްވެސް ބައަކާއި ވަކިވެގެން އުޅެންވެސް އީރާނުން ބޭނުން ނުވާ ކަމަށެވެ. އަދި އީރާނުން އުންމީދު ކުރަނީ މިބައްދަލުވުމުގެ ތެރެއިން މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް ކަމަށެވެ.
ރައްދުދެއްވައި ސައުދި ޚާރިޖީވަޒީރު އަލްޖުބައިރު ވިދާޅުވީ އިޜާނުން ދައްކަނީ އެއްވެސް ބޭނުމެއް ނެތް ބޭކާރު ވާހަކަ ކަމަށާއި ސަރަހައްދުގައި ހިނގާ ހުރިހައި ހަމަނުޖެހުންތަކެއްގެ ފަހަތުގައި އޮތީ އީރާނު ކަމަށެވެ.