ދޮގު ޚަބަރުތައް ފަތުރައި މުޖުތަމައުގައި ފަސާދަކުރުން ހުއްޓައިލުމަށް މައްކާގެ ހަރަމްފުޅުގެ އިމާމް އައްޝައިޚް ޞާލިޙް ބިން ޙުމައިދު ގިވައިލައްވައިފިއެވެ.
ޝައިޚް މިކަމަށް ގޮވައިލެއްވީ އިއްޔެގެ ހުކުރު ޚުޠުބާގައެވެ.
ހަރަމްފުޅުގައި ކުރެވުނު ހުކުރު ނަމާދުގެ ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ ސޯޝަލް މީޑިއާއަކީ އެންމެންނަށް ޢާންމުކޮށް ހުޅުވައިލެވިފައިވާ ފުރުޞަތެއް ކަމަށާއި އޮންލައިންކޮށް ޚަބަރު ފެތުރުމަކީވެސް ކޮންމެ މީހަކަށްވެސް މިއަދު ނުހަނު ފަސޭހަކަމާއިއެކު ކުރެވެން އޮތް ކަމެއް ކަމަށެވެ.
އިމާމް ވިދާޅުވީ ސިޔާސީ ގޮތުން ދޮގު ޚަބަރުތައް ފެތުރުމުން ހަޤީޤަތްއޮޅި ޤައުމުގައި ޚިޔާލުތަފާތުވެ ހަމަނުޖެހުން އުފެދޭ ކަމަށެވެ. އަދި މުޖުތަމައުގައި ނުހިނގާ ކަންކަން ހިނގި ކަމަށް ހަދައިގެން ޚަބަރު ފެތުރުމަކީ މުޅި މުޖުތަމައުގެ ޤަދަރުވެށްޓިގެންދާ ކަމެއް ކަމަށެވެ.
ސައުދިއަރަބިޔާގައި ދާދިފަހުން ވަނީ ވަރަށް ގިނަ ދޮގު ޚަބަރުތަކާއި ވީޑިއޯތައް ހަދައިގެން ޢާންމުކޮށްފައެވެ. އެއިގެ ތެރެއިން އެއް ވީޑިއޯގައި ދައްކާފައިވަނީ މެހްމާނުން އުފާކޮށްދިނުމަށްޓަކައި "ބަފައަކު އޭނާގެ ތުއްތު ދަރިފުޅު ކަތިލުމަށްފަހު އަތުގައި ހުންނަ ލޭތައް ދޮންނަ" މަންޒަރެވެ.
މިވީޑިއޯ ހާމަކުރުމުން އެތައް މިލިއަން ބައަކު އެކަމާ ކަންބޮޑުވުން ފައުޅުކޮށްފައިވާއިރު ހޯދިހޯދުންތަކުން އެނގިފައިވަނީ އެއީ އުފައްދާފައިވާ ހަޤީޤަތެއް ނެތް ވީޑިއޯއެއް ކަމެވެ.