މަދީނާގެ ހޮސްޕޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން ހަޤީޤީ ބަލި ނުހޯދައި ބޭސް ލިޔެދޭ ޑޮކްޓަރުން ޖުރުމަނާކުރަން މަދީނާގެ ހެލްތް ކައުންސިލުން ނިންމައިފިއެވެ.
ހެލްތް ކައުންސިލުން މިކަމަށް ނިންމީ މަދީނާގެ ހޮސްޕިޓަލްތަކުގަ މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ޚިދުމަތްދިނުމުގެ އިހްމާލުވާ ޑޮކްޓަރުންނާއި ނަރުހުން ޖުރުމަނާ ކުރުމަށް އެކައުންސިލުން ކުރިއަސް ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.
31،000 ރިޔާލައާއި ހަމައަށް ޖުރުމަނާ ކުރެވޭ މި ޕްރޮގްރާމުގައި ޖުރުމަނާކުރާ ކަންކަމުގެ ތެރޭގައި ބަލި ތަޙްލީލުކުރުމުގައި ފަރުވާކުޑަކުރުމާއި ބަލީގެ ފުރިހަމަ މައުލޫމާތު ބަލި މީހުންނަށް ނުދިނުމާއި ބަލި މީހުންނާއިމެދު އޯގާތެރިކަން ކުޑަކުރުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
2000 ރިޔާލައިން ނަރުހުން ޖުރުމަނާކުރާ ކަންކަމުގެ ތެރޭގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންގެ ޓެސްޓްތައް ހެދުމަށް ލެބޯޓްރީއަށް ގެންދިއުން ލަސްކުރުމާއި ބްލަޑް ޕްރެޝަރ ބެލުމުގައި އިހްމާލުވުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
މަދީނާގެ ޑިޕިޔުޓީ ޑިރެކްޓަރ އޮފް ހެލްތް ސަރވިސަސް ޑރ. އަހްމަދު ބިން އިބްރާހީމް ވިދާޅުވީ މިފަދަ ކަންތައްތައް ކުރަންޖެހެނީ ިހްމާލުވުން ހުއްޓުވައި ދެވެން އޮތް އެންމެ ފުރިހަމަ ފަރުވާއެއް ބަލިމީހުންނަށް ދިނުމަށް ސަރުކާރުން ބޭނުންވާތީ ކަމަށެވެ.