އީރާނުން ކުރަމުން ގެންދާ ކަންކަމާއިމެދު ސަރަހައްދުގެ ޤައުމުތަކުގެ ކިބައިން މަޢާފަށް އެދެން ބޭނުންނަމަ 35 އަަހަރުވަންދެން އީރާނުން ގެންގުޅެމުން އަންނަ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
ސައުދީ ޚާރިޖީ ވަޒީރު އަލްޖުބައިރު ވިދާޅުވީ މަޢާފަށް އެދޭކަމަށް އަނގައިން ބުނެލުމުން ނުފުދޭނެ ކަމަށާއި އަމަލުން އެކަން ދައްކަންޖެހޭނެ ކަމަށެވެ. އަދި އަމަލުން އެކަން ދެއްކުމަކީ އީރާނަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
އަލްޖުބައިރު ވިދާޅުވީ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބޭނުމާއި ޓެރަރިސްޓުންނަށް ވާގިވެރިވުން އީރާނުން ހުއްޓައިނުލާނަމަ މިޢާފަށް އެދުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
އަލްޖުބައިރު ވިދާޅުވީ މިކަންކަން ހާމަކޮށް ޤަލްފް ކޯޕޮރޭޝަނުގެ ކައުންސިލުންނާއި އޯއައިސީން އަދި މެދުއިރުމަތީގެ ޤައުމުތަކުން އީރާނަށް ތަކުރާރުކޮށް ތަފާތު މެދެޖުތައް ފޯރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު މިކަންކަމަށް އެދެމުން ގެންދަނީ އިސްލާމީ މުޖުތަމައުން ކަމަށެވެ.
އިރާނުން އެ ޤައުމަކީ ޒިންމާދާރު، އިޙްތިރާމް ލިބިގެންވާ ދައުލަތެއްގެ ގޮތުގައި ދެމިއޮންނަން ބޭނުންނަމަ އިސްލާމީ ޤައުމުތަކުގެ އަޑު އަހައި އަމަލުކުރަންފެށުމަށްވެސް އަލްޖުބައިރު ވަނީ ގޮވައިލައްވައިފައެވެ.