ޓިޔުނިސިއާގެ ރައްޔިތުން މަގުތަކަށް ނުކުތީ ވަޒީފާ ނުލިބުމުގެ މައްސަލަތައް އިތުރުވުމާއި ރައްޔިތުންނަށް ލިބޭ ޢާމްދަނީ މަދުވެ ދަތި ބޮޑެތި ހައިހޫނުކަން އިތުރުވާން ފެށުމުންނެވެ.
ރައްޔިތުންގެ އެތައް ހާސް ބައަކު މަގުތަކަށް ނުކުމެ ސަރުކަރާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދަން ފެށުމުން 4 ދުވަހަށްފަހު ސަރުކާރުން ވަނީ ކަރފިޔު ހިންގައިފައެވެ. އަދި މިހާރު ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމުގެ މަގުމަތީގައެވެ.
ސަރުކާރުން ރައްޔިތުންގެ ކިބައިން އެދެމުން ގެންދަނީ މައްސަލަތައް ހައްލުކުރުމަށް އިތުރު ވަގުތު ދިނުމަށެވެ. ސަރުކާރުން ބުނަނީ މައްސަލައަށް ހައްލެއް ހޯދޭނީ ގިނަ ފަރާތްތަކަކާއިއެކު މަޝްވަރާކޮށްގެން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ރައްޔިތުން ތިބީ ސަރުކާރުން ދައްކާ "ބޯދާ ބުހުތާނު" ވާހަކަތައް އަޑުއަހައި ޤަބޫލުކުރާކަށް ނޫނެވެ. އެމީހުން ބޭނުންވަނީ މައްސަލައަށް ހަޤީޤީ ހައްލެކެވެ. ނޫން ނަމަ މަރުވެ ދިއުމެވެ.
ރައްޔިތުން ބުނަނީ ސަރުކާރުގައި ފައިސާ ނެތްކަން އެމީހުންނަށް އެނގޭ ކަމަށެވެ. ނަމަވެސް އެމީހުން ވޯޓުދިނީ ކޮރަޕްޝަނުގެ މައްސަލަތައް ހައްލުކޮށް ޤައުމުގެ ކަންކަން ރަނގަޅުކުރާނެ ކަމުގެ އުންމީދުގައި ކަމަށެވެ. "އަހަރެމެންނަކަށް ނުފެނޭ އެއްވެސް ކަމެއް ރަގަޅުވަމުން އަންނަތަނެއް. އަބަދުވެސް މިދަނީ ދަތި ބޮޑުވަމުން."