ސީރިޔާގެ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް ފެއިލްވާނަމަ އަސްކަރީ ހަނގުރާމައެއްކޮށްގެން ނަމަވެސް ހައްލު ހޯދަން އެމެރިކާ އާއި ތުރުކީ އޮތީ ތައްޔާރަށްކަން ހާމަކޮށްފިއެވެ.
އެމެރިކާގެ ނައިބް ރައީސް ޖޯ ބިޑެން ވިދާޅުވީ ހޯމަ ދުވަހު ޖެނީވާގައި ބާއްވަން ހަމަޖެހިފައިވާ ޞުލްހައިގެ ވާހަކަތައް ކުރިއަށް ނުގެންދެވިއްޖެނަމަ ދެން އޮތް ހައްލަކަށް ވެގެންދާނީ އަސްކަރީ ފިޔަވަޅު އަޅައި އައިއެސް ބަލިކުރުން ކަމަށެވެ.
ސީރިޔާގައި ހަރަކާތްތެރިވަމުން ގެންދާ ހަނގުރާމަވެރި ޖަމާއަތްތަކުން އިއްޔެ ބުނެފައިވަނީ ސީރިޔާގެ މައްސަލައަށް ޞުލްޙަވެރި ހައްލެއް ނުހޯދޭނަމަ އެކަމުގެ ޒިންމާ އިފުލަންޖެހޭނީ ރަސިއާ އާއި ސީރިޔާ ސަރުކާރުން ކަމަށެވެ.
ބިޑެން ވިދާޅުވީ އެންމެ ރަނގަޅު ހައްލަކީ ޞުލްޙަވެރި ހައްލެއް ކަމަށް ޤަބޫލުފުލު ކުރައްވާ ކަމަށާއި ނަމަވެސް ޞުލްހަ އާއި ދިމާއަށް ކަންކަން މިޞްރާބު ނުކުރެވޭނަމަ އޮތް ހައްލަކީ އަސްކަރީ އައްލެއް ޙޯދުން ކަމަށެވެ.
ކުރުދީންގެ މައި ހަނގުރާމަވެރި ޖަމާއަތްތަކުން ބުނަމުން ގެންދަނީ ކުރުދީން ބައިވެރިނުކޮށް ކުރާ މަޝްވަރާއަކުން ހައްލެއް ނުހޯދޭނެ ކަމަށެވެ. ސުންނީންގެ ހަނގުރާމަވެރި ޖަމާއަތްތަކުން ތިބީ ޞުލްޙައިގެ މަޝްވަރާތަކަށް ތައްޔާރަށެވެ.
ބިޑެން ވަނީ ސުންނީ ހަނގުރާމަވެރިންނަށް ނޭޓޯ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.