މިނިވަން 50 ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށް ގދ. ފަރެސްމާތޮޑާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފަރެސްމާތޮޑާ ފައިނަލަށް ދަތުރުކުރީ 4-2 ލަނޑުން އޭދަފުށި ބަލިކޮށްގެންނެވެ.
އައްޑޫފުޓުބޯޅަ ސްޓޭޑިމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ އޭދަފުށިންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބު ކުރީ އެޓީމްގެ ކެޕްޓަން، ޖަރޒީ ނަމްބަރ 15 ޢަބްދުލް މަޖީދެވެ. އޭނާ މިލަނޑު ޖަހައިދިނީ އިޝާން އިބްރާހީމް ނަގައިދިން ކޯނަރަކުންނެވެ.
ފަރެސްމާތޮޑާއިން އެއްވަރު ކުރި ލަނޑު ޖަހައިފައިވަނީ މެޗުގެ ހެޓްރިކް ހެދި އިހުސާން އަލީ (އިޗޫ) އެވެ. މިލަނޑު ޖެހީ 17 ވަނަ މިނެޓުގައެވެ. ފަރެސްމާތޮޑާގެ ދެވަނަ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީވެސް އިޗޫ އެވެ. މިލަނޑަށް ފަހު އޭދަފުށިން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ޖެހީ ޖަރޒީ ނަންބަރު 23 އިޝާން އިބްރާހީމެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-2 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 66 ވަނަ މިނެޓުގައި އިޗޫ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ފަރެސްމާތޮޑާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ފަރެސްމާތޮޑާގެ 4 ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މުޙައްމަދު ސައީދު (ލޮޖާ) އެވެ.
މިއަދުގެ މެޗަށްފަހު އޭދަފުށީ ކޯޗު މުޙައްމަދު ޒާހިދު (ބައްޓޭ) ބުނީ މެޗުން ބަލިވީ ދަތުރު ވަރުބަލިވުމާއި، ފިޓްނަސް މައްސަލަ ދިމާވެގެން ކަމަށެވެ. ކުޅުދުށްފުށީގައި ކުޅުމަށްފަހު އައްޑުއަށް އައިސް މާހައުލަށް ފަރިތަ ނުވުމުގެ މައްސަލައާއި ކުޅުންތެރިންގެ އިންޖަރީގެ މައްސަލަތައް ވެސް ދިމާވި ކަމަށް އޭނާ ބުންޏެވެ. ފުޓުބޯޅައިގެ ރަނގަޅު ތާރީޚެއް އޮތް އޭދަފުށި ފަރެސްމާތޮޑާ އަތުން ބަލިވުމުން ބައްޓޭ ވަނީ ފަރެސްމާތޮޑާއަށް މަރުހަބާ ކިޔައިފައެވެ. އޭނާ ބުނީ ފަރެސްމާތޮޑާ ޓީމުގެ ތަފާތަކީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިން ކަމަށެވެ.
ފަރެސްމާތޮޑާ ޓީމުން މިއަދު ކުޅުނީ އެޓީމުގެ އެއް ނަންބަރު ފޯވާޑް އީމާން އަލީ (ކުންނާ) އަނިޔާގެ ސަބަބުން ބެންޗުގައި ބައިންދައިގެންނެވެ. އަދި އެޓީމަށް ކުޅޭ ލަންކާ ކުޅުންތެރިޔާ ނާގޫރަށް ދެ ކާޑު ހަމަވެގެން އޭނާއަށް ވެސް މިއަދުގެ މެޗުގައި ނުކުޅެވެއެވެ.
ފަރެސްމާތޮޑާ ކޯޗު ފަޒީން މުޙައްމަދު ބުނީ މިފަދަ މުބާރާތެއްގެ ފައިނަލަށް ދަތުރު ކުރުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. މިހާރުގެ އުންމީދަކީ ޗެންޕިއަންކަން ހޯދުން ކަމަށްވެސް އޭނާ ބުންޏެވެ.
މި މުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ބައްދަލުކުރާނީ ސ. ފޭދުއާއި، ށ. ފޯކައިދޫއެވެ. މި މެޗުވެސް ކުޅޭނީ އައްޑޫ ފުޓުބޯލް ސްޓޭޑިއަމްގައެވެ. ފައިނަލުގައި ފަރެސްމާތޮޑާއާ ބައްދަލު ކުރާނީ މިމެޗުން މޮޅުވާ ޓީމަކާއެވެ. މިމެޗުން ބަލިވާ ޓީމެއް ބައްދަލުކުރަން ޖެހެނީ ތިންވަނަ ހޮވާ މެޗުގައި އޭދަފުށްޓާއެވެ.
ފޭދުއާއި، ފޯކައިދޫގެ މެޗު ފަށާނީ ހަވީރު 3.45 ގައެވެ.