އެމެރިކާއިން ފޮނުވާހައި ޤައުމަކަށް ނުދާނެކަމަށް ބުނެ ގުއަންޓަނަމޯބޭ ޖަލުން ނުކުންނަން ޔަމަނުގެ ޤައިދީއަކު ދެކޮޅު ހަދައިފިއެވެ.
އުމުރުން 35 އަހަރުގެ މުޙައްމަދު ޢަލީ ޢަބްދުﷲ ބްވާޒިރު ހައްޔަރުކޮށްފައިވަނީ މީގެ 14 އަހަރުކުރިން އަފްޣާނިސްތާނުންނެވެ. އޭނާ އެއިރު ގުޅިގެންހުރީ އަލްޤައިދާގެ ހަނގުރާމަވެރިންނާއިއެވެ.
ބްވާޒިރު ބުނީ އޭނާ ދާން ބޭނުންވަނީ ޢާއިލާގެ ބައަކު ދިރިއުޅޭ ޤައުމަކަށް ކަމަށެވެ. އޭނާގެ ޢާއިލާގެ މީހުން ދިރިއުޅެނީ ސައުދިއަރަބިޔާގައާއި ޔޫއޭއީގައި އަދި އިންޑޮނޭސިއާގައެވެ.
ދަ ޓެލެގްރާފް ނޫހުން ބުނެފައިވަނީ ބައެއް ޤައިދީން މީގެ ކުރިންވެސް މިފަދައިން ޖަލުން ނުކުތުމަށް ދެކޮޅު ހަދައިފައިވާ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު ޗައިނާގެ 5 ޤައިދީއަކަށް ދިވެހިރާއްޖެއަށް ނުވަތަ ޕަލާއުއަށް ދިއުމަށް ފުރުޞަތު ދިނުމުން އެކަމަށް ޤައިދީން ދެކޮޅު ހަދައިފައިވާ ކަމަށެވެ. އެއިގެ 4 އަހަރުފަހުން އެލްސަލްވޭޑޮރ އާއި ސްލޮވޭކިއާއަށް އެމީހުން ފޮނުވާފައިވާ ކަމަށެވެ.