މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ސ. ފޭދޫ މިއަދު ކަށަވަރު ކޮށްފިއެވެ.
އެޓީމް ފައިނަލުގެ ދެވަނަ ޖާގަ މިއަދު ކަށަވަރު ކުރީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ށ. ފޯކައިދޫ ޓީމާ ބައްދަލުކޮށް 5-1 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
ފައިނަލުގައި ފޭދުއާ އަނެއް ކޮޅުން ބައްދަލުކުރާނީ ފަރެސްމާތޮޑާ ފުޓުބޯޅަ ޓީމެވެ. އެޓީމް ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި ބ. އޭދަފުށްޓާ ބައްދަލުކޮށް 4-1 އިން ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ގެންދިޔައީ ފޯކައިދޫއެވެ. އެހެން ނަމަވެސް މާގިނަ އިރެއް ނުވަނީސް ފޭދޫންވަނީ މެޗު އެޓީމުގެ ކޮންޓްރޯލް ދަށަށް ގެނެސް މުޅި މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ފޭދޫންވަނީ 3 ލަނޑު ޖަހައިފައެވެ. ފޭދޫގެ ފުރަތަމަ ތިން ލަނޑުވެސް ޖަހައިފައިވަނީ އެޓީމުގެ ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ ހުސައިނެވެ. އޭނާއަކީ ޖުނާކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ފޭދޫގެ ފަހު ދެ ލަނޑު ޖަހައިފައިވަނީ ފަހު ހާފުގައެވެ. އޭގެ ތެރެއިން އެއްލަނޑު ޖެހީ އިބްރާހީމް އަހުމަދެވެ. އޭނާއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ. ފޭދޫގެ ފަސްވަނަ ލަނޑު ޖެހީ އިތުރުވަގުތުގައި އިސްމާއީލް ޢަލީ އެވެ.
ފޯކައިދޫގެ ހަމައެކަނި ލަނޑު ޖަހައިފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެލަނޑު ޖަހައިދިނީ ރަފީއުއެވެ. މިއަދުގެ މެޗު ބެލުމަށް ފޭދުއަށް ސަޕޯޓުކުރާ ވަރަށްގިނަ މީހުންވަނީ ދަނޑަށް ގޮސް ޓީމަށް ހިތްވަރު ދީފައެވެ.
ފޭދުއާއި ފަރެސްމާތޮޑާ ބައްދަލު ކުރާ ފައިނަލްމެޗު ކުޅޭނީ މިމަހު 27 ވާ ބުދަދުވަހު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ. މެޗު ފަށާނީ ހަވީރު 3.45 ގައެވެ.