މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއިން ނޭޓޯ އާއި ރަސިއާގެ ެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދެން ފަށައިފިއެވެ.
ރަސިއާގެެ ހަނގުރާމަތީ ބޯޓެއް ހޮނިހިރު ދުވަހު ތުރުކީގެ ވައިގެ ސަރަހައްދަށް އެރުމުން ތުރުކީން ވަނީ އެ މައްސަލަ ނޭޓޯއަށް ހުށަހަޅައިފައެވެ. އެކަމާއި ގުޅިގެން ނޭޓޯ އިން މިހާރުވަނީ ޒިންމާދާރުކަމާއިއެކު ކަންކަން ކުރުމަށް ރަސިޔާއަށް ގޮވާލައިފައެވެ.
ނޭޓޯއިން ބުނެފައިވަނީ ނޭޓޯގެ ވައިގެ ސަރަހައްދަށް ރަސިއާއިން ޤަވާއިދާއި ޚިލާފަށް އަރައިގެން ނުވާނެ ކަމަށާއި އަރަމުން ގެންދާ ނަމަ ވާނެ ގޮތް ކުރިންވެސް ވަނީ ފެނިފައި ކަމަށެވެ.
ނޭޓޯއިން އެބުނި ބަހަކީ ތުރުކީގެ ވައިގެ ސަރަހައްދަށް މީގެ ކުރިން އެރި ރަސިއާގެ ބޯޓަކަށް ތުރުކީން ބަޑިޖަހައި ވައްޓައިލައިފައިވުން ކަމަށް ބެލެވެއެވެ.
ތުރުކީން މިއަދު ވަނީ ތުރުކީގައި ހުންނަ ރަސިއާ ސަފީރު ތުރުކީގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އިންޒާރުދީފައެވެ. އަދިތުރުކީން ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް އެތައް ފަހަރަކު އެ ޤައުމުގެ ވައިގެ ސަރަހައްދަށް ނުއެރުމަށް ރަސިއާއަށް އިންޒާރުދީފައެވެ.
އެމެރިކާއިންވެސް ވަނީ ރަސިއާގެ އަމަލު ކުށްވެރިކޮށްފައެވެ.
ތުރުކީ ޢާއި ރަސިއާގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނީ ރަސިއާ އިން ސީރިޔާގެ ރައީސް ބަޝާރުލްއަސަދުގެ ވެރިކަން ދިފާއުކުރަން މަސައްކަތްކުރާ މައްސަލައިގައެވެ.