ނައިޖީރިއާގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ބޯކޯ ޙަރަމުން އެޤައުމުގެ ފަޤީރު އަވަށަކަށް އަރައިގަނެ ގިނަ އަދަދެއްގެ ކުޑަކުދިންނާއިއެކު އަންދައިލައިފައިވާ 86 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ.
މަންޒަރު ފެނުނު މީހުން ބުނީ ޓެރަރިސްޓުންގެ ޖަމާއަތަކުން އަވަށް އަރައިގަނެ ބަޑިންނާއި އަތުބޮމުން ހަމަލާދީ ފަނުން ހުރި ޖިފުޓިތައް އަންދައިލީ ކަމަށެވެ. އަދި އެތަންތަން އަނދަމުންދިއައިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ރުއިމުގެ އަޑު ވަރަށް ބާރަށް އިވުނު ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން އެޖަމާއަތުން ދިން ހަމަލާތަކުގައި ރިފިޔުޖީންނަށް ވެފައިތިބި 25،000 މީހުން ދިރިއުޅޭ ރިފިޔުޖީ ކޭމްތަކަށް ހަމަލާދޭން މަސައްކަތްކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މައުލޫމާތު ލިބޭގޮތުން އެތަންތަން އަންދައިނުލެވުނީ ސަރުކާރުގެ ސިފައިން ސަރަހައްދަށް އަންނަތަން ފެނުމުން އަވަހަށް ފިލަން ހަދައިގެންނެވެ.
މަރުވި މީހުންގެ އިތުރުން މިހާދިސާގައި 60 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަކަމްތައް ލިބިފައެވެ.