ސީރިޔާގައި ކުރިއަށްދާ ހަނގުރާމަތައް ހުއްޓުވުމަކަށް ގެނައުމަށް ކުރިއަށް ގެންދަން މަސައްކަތްކުރާ ޞުލްޙައިގެ ވާހަކަތަކަށް ހުރަސް އެޅެމުން ދަނީ ސީރިޔާގެ ރައީސް ބަޝާރުލްއަސަދާއި ރަސިއާގެ ސަބަބުން ކަމަށް ތުރުކީގެ ރައީސް ޠައްޔިބް އުރްދުޤާން ވިދާޅުވެއްޖެއެވެ.
ޠައްޔިބް ވިދާޅުވީ ރަސިއާ އިން ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ބޮން އަޅަމުން ގެންދާނަމަ ޞުލްޙައިގެ ވާހަކަތަކުގެ ބޭނުމެއް ނެތްކަމަށެވެ. އަދި ވާހަކަތައް ދެއްކި ނަމަވެސް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.
ޠައްޔިބް ވިދާޅުވީ ޢާންމު ރައްޔިތުންނާއި ކުޑަކުދިންގެ ބޮލަށް ބޮން އަޅަމުން ގެންދާނަމަ އަނިޔާވެރިކަން ހުއްޓުވޭނީ އެއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދީގެންކަމަށާއި ހަނގުރާމަވެރިންގެ ހަމަލާތައްވެސް ދާނީ އިތުރަށް ވަރުގަދަކުރަމުން ކަމަށެވެ.
ރަސިޔާގެ ހަމަލާތައް ހުއްޓައިނުލައި ކުރިއަށް ގެންދާތީ ވަގުތުން ހަމަލާތައް ހުއްޓައިލުމަށް އެމެރިކާގެ ފޮރިން ސެކެޓްރީ ކެރީ ވަނީ ރަސިއާގެ ފޮރިން މިނިސްޓަރަށް އަމުރު ކުރައްވައިފައެވެ. ކެރީ ވިދާޅުވީ ރަސިއާގެ ޚާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައި ހަމަލާތައް ވަގުތުން ހުއްޓައިލައި ސީރިޔާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހުރިހައި ބާރުތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށް މިއަދު ދަންނަވައިފައިވާނެ ކަމަށެވެ.
ރަސިއާ އިން ބުނެފައިވަނީ ހަމަލާ ދެމުން ގެންދަނީ ޓެރަރިސްޓުންނަށް ކަމަށާއި ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ ހަފްތާގައި ޖެނީވާގައި ކުރިއަށް ގެންދާ އދ ގެ ސަލާމަތީ މަޖިލިހުގެ ބައްދަލުވުމުގެ ހަވާސާގައި ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެވެ.