އެމް އެން ޑީއެފްގެ އިންޓަރ ޔުނިޓް 14 ވަނަ ފުޓްބޯޅަ މުބާރާތް ނިންމާލައިފި.
ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް 14 ވަނަ ފުޓްބޯޅަ މުބާރާތް މިރޭ ނިންމާލައިފިއެވެ.
ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ފައިނަލް މެޗުގައި މިރޭ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އާއި އެމްއެންޑީއެފް މާލޭ އޭރިއާގެ ޓީމް ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެވެ. އަދި މިއަދު ހެނދުނު ކުޅުނު މިމުބާރާތުގެ ދެވަނަ ޑިވިޜަންގެ ފައިނަލުގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އާއި އިންޓްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިއު) ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އީއެމްއީގެ ޓީމެވެ.
އެފްއޭއެމް 1 ނަންބަރު ޓާފް ދަނޑުގައި މިމުބާރާތް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ޝާން މަންޞޫރެވެ. މިރަސްމިއްޔާތުގައި ދެވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ހަވާލުކޮށްދެއްވާފައިވާއިރު މިމުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.
މިމުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
މިދިއަ މަހު 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަޔަކަށް ކުރިއަށްދިޔަ ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓަރ ޔުނިޓް 14 ވަނަ ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 20 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިގޮތުން މިމުބާރާތުގެ ފުރަތަމަ ޑިވިޜަންގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު ދެވަނަ ޑިވިޜަންގައި 11 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިމުބަރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ އެފްއޭއެމް 1 ނަންބަރު ޓާފް ދަނޑުގައެވެ.
ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި އެމްއެންޑީއެެފް އިންޓަރ ޔުނިޓް 14 ވަނަ ފުޓްބޯޅަ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ "މާކިޔުރީ" ގެ ފަރާތުންނެވެ.