ސިރިޔާއަށް އެއްގަމުމަގުން ހަނގުރާމަކުރާނެ ސިފައިން ފޮނުވައިފިނަމަ ދުނިޔޭގެ ބޮޑު ހަނގުރާމައަށް ބަދަލުވާނެ ކަމުގެ އިންޒާރު ރަސިއާ އިން ދީފިއެވެ.
ރަސިއާގެ ބޮޑު ވަޒީރު، ޖަރުމަންވިލާތުގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އެއްގަމު މަގުން ހަނގުރާމަކުރާނެ ފައުޖުތައް ސީރިޔާއަށް ފޮނުވައިފިނަމަ އެކަމުން އެނގެނީ ޤައުމުތަކުން ހަނގުރާމައަކަށް ބޭނުންވާކަން ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވެފައިވަނީ އެމެރިކާ އާއި މެދުއިރުމަތީގެ ޤައުމުތަކުން މިއަދު ގޮތެއް ކަނޑައަޅަންވީ ދާއިމީ ހަނނގުރާމައެއް ކުރާނެ ކަމާއިމެދު، ނުވަތަ ނުކުރާނެ ކަމާއިމެދު ކަމަށެވެ.
މޮސްކޯގައި ތިބި ބައިނަލްއަޤްވާމީ ބައެއް ނޫސްވެރިން ބުނެފައިވަނީ މިއީ ރަސިއާ އިން އެމެރިކާއަށާއި ސައުދިއަރަބިޔާ ފަދަ ޤައުމުތަކަށް ދީފައިވާ ވަރުގަދަ އިންޒާރެއް ކަމަށެވެ.
ސައުދިއަރަބިޔާ އާއި ބަހްރައިން ފަދަ ޤައުމުތަކުން ބުނެފައިވަނީ ސީރިޔާގެ މައްސަލަ ޙައްލުކުރުމަށް އެއްގަމު މަގުން ލަޝްކަރުތައް ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ.
ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަރަށް އަވަހަށް ރަސިއާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފއިވާކަމަށް ރަސިއާ އާއި ސައުދިއަރަބިޔާއިން ވަނީ ބުނެފައެވެ.